ކެންޔާ ކުއްޖާ އަށް އޮޒިލްގެ ހާއްސަ ހަދިޔާއެއް!

ލަންޑަން (މާޗް 12) - އާސެނަލްގެ ތަރި މެސުތު އޮޒިލްގެ ނަން އަތުން ލިޔެފައިވާ ޖާޒީއެއް ލައިގެން ކެންޔާގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުއްޖަކަށް އޮޒިިލް ޖާޒީ އާއި ބޫޓު ހަދިޔާކޮށްފި އެވެ.


މިދިޔަ ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ކެންޔާގެ ނައިރޯބީގެ މަގުމަތީގައި ލޯރެންސް މަސީރާ އާއި އޭނާ އެކުވެރިން ފުޓްބޯޅަ ކުޅެމުން ދިޔައިރު، ލޯރެންސް ހުރީ އޭނާ އެންމެ ސަޕޯޓުކުރާ އާސެނަލްގެ ތަރި އޮޒިލްގެ ނަން އަމިއްލަ އަށް ޖޯޒީއެއްގައި ޖަހައިގެން ލައިގެންނެވެ. އެ މަންޒަރު ފެނުނީ ނައިޖީރިއާގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ އެރިކް ނީރޫ އަށެވެ.

ނީރޫ ބޭނުންވީ ވެދެވެން އޮތް ގޮތަކަށް ލޯރެންސަށް އެހީވުމަށެވެ. އެގޮތުން ފޯނުން ފޮޓޯނަގައި ޓްވީޓްކުރި އެވެ. އޭނާގެ ބޭނުމަކަށްވީ ކިތަންމެ ދުވަހެއް ފަހުން ނަމަވެސް އޮޒިލްއާ ހަމައަށް އެ މެސެޖު ދިއުމެވެ.

ނީރޫ މިދިޔަ ޑިސެމްބަރު މަހު ކުރި ޓްވީޓް.

މިހާރު މަގުސަދު ވަނީ ހާސިލްވެފަ އެވެ. އޮޒިލްގެ އިމޭޖް ރައިޓްސް ކޮމްޕެނީގެ ޓީމަށް ނީރޫގެ ޓްވީޓް ފެނި މިހާރު ވަނީ ލޯރެންސާއި އޭނާއާ އެކު ކުޅެން އުޅޭ އެހެން ކުއްޖަކަށް އޮޒިލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފަ އެވެ. އާސެނަލްގެ ޖާޒީތަކާއި އޮޒިލް ބޭނުންކުރާ އެޑިޑާސް ބޫޓުތަކެވެ.

ލޯރެންސާ ހަމައަށް އޮޒިލްގެ ޓީމުން އެ ހަދިޔާތައް މިއަދު ރައްދުކޮށްދިންއިރު، އޮޒިލް ވަނީ އެކަމާ ބެހޭގޮތުން ޓްވީޓެއް ކޮށްފަ އެވެ. އެ ގޮތުން އޮޒިލް ކުރި ޓްވީޓްގައި ބުނެފައިވަނީ އަމިއްލަ އަށް ހަދައިގެން ލޯރެންސް ލައިގެން ހުރި އޮޒިލްގެ ނަން ޖަހާފައި އޮތް ޖާޒީ ވަރަށް ކަމުދިޔަ ކަމަށާއި ލޯރެންސާއި އޭނާގެ ބޭބެ އުފަލުން ހުރި މަންޒަރު ފެނުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އޮޒިލްގެ ޓްވީޓް.

މި ސީޒަނުގައި އާސެނަލާ ހަވާލުވި އުނާއި އެމެރީގެ ކޯޗުކަމުގައި އޮޒިލަށް އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ އޭނާ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އެކަމަކު އޮޒިލް ވަނީ އާސެނަލްގައި މަޑުކޮށް ކްލަބާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލް އަމިއްލަ ދަނޑުގައި 2-0 އިން މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި އޮޒިލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އަފްގާނިސްތާންގެ ފަސް އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ މުރުތަޒާ އަހުމަދީ ޕްލާސްޓިކުން ހަދާފައިވާ އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ޖޯޒީއެއްގައި ކުޅެން ހުރި މަންޒަރު އިންޓަނެޓުގައި ވައިރަލްވުމުން ބާސެލޯނާ މެދުވެރިކޮށް ހާއްސަ ދައުވަތަކަށް މެސީ ވަނީ މުރުތަޒާ ސްޕެއިނަށް ގެންގޮސްފަ އެވެ. އަދި މެސީގެ ހާއްސަ ޖޯޒީއެއް އޭނާ އަށް ހަދިޔާކޮށް މެސީއާ އެކު މެޗަކަށް ވެސް ދަނޑަށް ދިއުމުގެ ފުރުސަތު ދިނެވެ.