ރޮނާލްޑޯ އަށް ތައުރީފު ހައްގު: މެސީ

ބާސެލޯނާ (މާޗް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް އަށް ޖާގަ ހޯދައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމަށް ތައުރީފު ހައްގުވާ ކަމަށް އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ބާސެލޯނާ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.


ފުރަތަމަ ލެގުގައި ޔުވެންޓަސް ވަނީ އެތުލެޓިކޯ ދަނޑުގައި 2-0 އިން ބަލިވެފަ އެވެ. އެހެންވެ އަންގާރަ ދުވަހުގެރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުން އެ ޓީމަށް އޮތީ ނަތީޖާ ނެރެން މަޖުބޫރުވެފަ އެވެ. އެތުލެޓިކޯގެ މައްޗަށް ޔުވެންޓަސް އިން 3-0 އިން ކުރިހޯދީ ރޮނާލްޑޯގެ ހެޓްރިކުންނެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު، ރޭ ލިޔޯން އަތުން 5-1 އިން ބާސެލޯނާ މޮޅުވި މެޗަށް ފަހު މެސީ ވެސް ވަނީ ރޮނާލްޑޯ ދެއްކި ހިތްވަރު ފާހަގަކޮށްފަ އެވެ.

"އެތުލެޓިކޯއާ ދެކޮޅަށް ރޮނާލްޑޯ ވަރަށް މޮޅަށް ކުޅުނު. އަހަރެން ހީކުރީ އެތުލެޓިކޯ ވަރުގަދަ ކުޅުމެއް އެ ދަނޑުގައި ވެސް ދައްކާނެ ކަމަށް. އެހެނެއްނުވި ފެނުނީ ރޮނާލްޑޯގެ އާދަޔާހިލާފު ހިތްވަރަކާއި މޮޅު ކުޅުމެއް،" ރޭ ލިޔޯނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެސީ ބުންޏެވެ.

ރޭގެ މެޗުގައި މެސީ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީގެ އެންމެ ބޮޑު އަމާޒަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގެވެ.

"މުޅި ޓީމު އޮތީ މި ފަހަރުގެ ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައި. އަހަރެމެންގެ ބޮޑު ޓާގެޓަކީ މި މުބާރާތް،" މެސީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ގުރުއަތުލުން މާދަމާ ކުރިއަށްދާއިރު، މެސީ ދެކޭގޮތުގައި ބާސެލޯނާ އޮތީ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ތައްޔާރަށެވެ.