ނޭމާގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ނިޔޯން، ސްވިޒަލެންޑް (މާޗް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް މުބާރާތުން ކެޓި މެޗަށް ފަހު އެ މެޗުގެ ރެފްރީންނަށް ޕީއެސްޖީގެ ތަރި ނޭމާ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ޔުއެފާ އިން ފަށައިފި އެވެ.


ޔުނައިޓެޑް ދަނޑުގައި 2-0 އިން ޕީއެސްޖީ އަތުން ބަލިވިއިރު، މިދިޔަ ހަފްތާގައި ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ޕީއެސްޖީ ދަނޑުގައި 3-1 އިން މޮޅުވެ، ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެންނެވެ. އެ މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ގޯލަކީ އިތުރު ވަގުތުގައި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމަށް ފަހު ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.

އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުހުރި ނޭމާ ވަނީ އެ މެޗަށް ފަހު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އެއީ ބޮޑު ލަދެއް. އެ މީހުން ހަތަރު މީހެއް ޓީވީ ކައިރީގައި ސްލޯ މޯޝަނުގައި މެޗު ބަލަން ބަހައްޓާފައި ތިބިއިރު އެއީ ފުޓްބޯޅަ އެނގޭ ބައެއް ނޫން،" ވީއޭއާރް އޮފިޝަލުންނަށް ނިސްބަތްކޮށް ނޭމާ އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

އެ މެޗުގައި ރެފްރީން ވީއޭއާރްގެ އެހީގައި ނިންމި ނިންމުމަށް ގިނަ ބައެއްގެ ލޯ އަމާޒުވިއިރު، ޔުއެފާ އިން ވަނީ އެ ނިންމުން ރަނގަޅުކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެ ނިންމުމާ ބެހޭގޮތުން ނޭމާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ދާދި ފަހުން ޔުއެފާ އިން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 27 އަހަރުގެ ނޭމާ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ޗެމްޕިއަންސް ލީގުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އެ އަދަބުދީފިނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތައް ނޭމާ އަށް ގެއްލޭނެ އެވެ. މީގެ ކުރިން ރެފްރީންނަށް ފާޑުކިޔައިގެން ޔުއެފާ އިން ދީފައިވަނީ ދޭއް ނޫނީ ތިން މެޗުގެ ސަސްޕެންޝަނެކެވެ.