ގާޑިއޯލާ އަށް އެންރީކޭގެ ޗެލެންޖެއް

މެޑްރިޑް (މާޗް 15) - ފުޓްބޯޅައިގައި ކޯޗިން ކެރިއަރު އެންމެ ފުރިހަމަކޮށް ނިންމާލުމަށްޓަކައި އެކި ފަންތީގެ ޓީމުތަކާ ހަވާލުވާން ޖެހޭނެ ކަމަށާއި އެގޮތުން މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ވެސް އާދައިގެ ޓީމެއް ތަޖުރިބާކޮށްލުން ރަނގަޅުވާނެ ކަމަށް ބުނެ އޭނާ އަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު އަދި ކުރިން ބާސެލޯނާ އަށް އިރުޝާދު ދިން ލުއިސް އެންރީކޭ ޗެލެންޖެއްކޮށްފި އެވެ.


ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ބާސެލޯނާ ބީ ޓީމުންނެވެ. އޭގެ އެއް އަހަރު ފަހުން ގާޑިއޯލާއާ ވަނީ ބާސެލޯނާ ސީނިއާ ޓީމު ހަވާލުކޮށްފަ އެވެ. ގާޑިއޯލާގެ ކޯޗުކަމުގައި 2008 އިން 2012 ވަނަ އަހަރާ ދެމެދު ބާސެލޯނާ އިން ވަނީ ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކޮށް 14 ތަށި ހޯދައިފަ އެވެ. ބާސެލޯނާ ދޫކޮށް ބަޔާން މިއުނިކާ ހަވާލުވެ ގާޑިއޯލާ ވަނީ އެ ޓީމާ އެކު ވެސް ކާމިޔާބީތައް ތަކުރާރުކޮށްފަ އެވެ. އަދި މިހާރު މެންޗެސްޓާ ސިޓީގައި ވެސް އަންނަނީ ކާމިޔާބު މަސައްކަތެއް ކުރަމުންނެވެ.

އެންރީކޭ ވެސް ކޯޗިން ކެރިއަރު ފެށީ ބާސެލޯނާގައި ގާޑިއޯލާއާ އެކު އެވެ. ބާސެލޯނާގެ ސީނިއާ ޓީމަށް 2008 ވަނަ އަހަރު ގާޑިއޯލާ ހަވާލުވުމުން ބީ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ އެންރީކޭ އެވެ. އެ ޓީމާ އެކު ތިން އަހަރު މަސައްކަތްކުރުމަށް ފަހު އެންރީކޭ ދެން ހަވާލުވީ ރޯމާއާ އެވެ. އޭގެ ފަހުން ސްޕެއިނުގެ ސެލްޓަ ވިގޯގައި ކާމިޔާބު މަސައްކަތެއް ކުރުމަށް ފަހު ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ހަވާލުވުމުގެ ކުރިން ބާސެލޯނާގައި ވަނީ ކާމިޔާބުތަކެއް ހޯދައިފަ އެވެ.

ގާޑިއޯލާ އާއި އެންރީކޭ އަކީ ބާސެލޯނާގައި އެއްކޮށް ކުޅުމުގެ އިތުރުން ގާތް ދެ ރަހުމަތްތެރިންނެވެ. ސްޕެއިނުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެކުލަވާލި ކޯޗިން ޕޫލުގައި ވެސް އެއްކޮށް މަސައްކަތްތަކެއް ކުރި އެވެ.

"ފެންވަރު ވަޒަންކޮށްލަން އާދައިގެ ޓީމުތަކުގައި ވެސް މަސައްކަތްކޮށްގެން ކާމިޔާބު ކޯޗިން ކެރިއަރެއް ނިންމާލެވޭނީ. ސެލްޓަ ކަހަލަ އާދައިގެ ޓީމެއް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭތަން ބަލާލަން ބޭނުން. އެ ޗެލެންޖް ގާޑިއޯލާ އަށް ނެގިދާނެ. އެއީ އޭނާ ޓީމެއް ބިނާކުރާނެ ހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން،" ގާޑިއޯލާއާ ބެހޭގޮތުން އެންރީކޭ ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "އެއީ އަހަރެންގެ އެކުވެރިޔާ (ގާޑިއޯލާ) އަށް އަބަދުވެސް އަހަރެން ކުރާ ޗެލެންޖެއް."

އެންރީކޭ ބުނީ ގާޑިއޯލާ އަކީ ތަފާތު ފުޓްބޯޅައެއް ތައާރަފްކުރި ކޯޗެއް ކަމަށާއި އޭގެ ފައިދާ މުޅި ފުޓްބޯޅަ އަށް ކުރި ކަމަށެވެ.

"ސްޕެއިނުގެ ގޯލްޑަން ޖެނެރޭޝަނުގައި ވެސް ގާޑިއޯލާގެ ނުފޫޒު އޮތް. އޭނާ ގެނައި ސްޓައިލާ އެކު ބަދަލުކުރި ވިސްނުން ސްޕެއިނުގެ ކާމިޔާބީތަކުގެ އަސްލަކީ. ގާޑިއޯލާގެ ތަފާތަކީ ފުޓްބޯޅައާ މެދު އޭނާގެ ޕޮޒިޓިވް ވިސްނުން. އެ ތަފާތު އޭނާ ކޯޗުކޮށްދޭ ކުޅުންތެރިން ދައްކާ،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ސްޕެއިން ގައުމީ ޓީމުގެ ކަންތައްތައް ރަނގަޅުކުރަން ތަޖުރިބާކާރުގެ ކޯޗުންގެ ލަފާހޯދާނެ ކަމަށާއި އޭގެ ތެރޭގައި ގާޑިއޯލާ ވެސް ހިމެނޭ ކަމަށެވެ.