އާ ކްލަބް ވޯލްޑް ކަޕް ތައާރަފްކޮށްފި، ކްލަބްތައް ދެކޮޅު!

މަޔާމީ (މާޗް 16) – މިހާރު އާދައިގެ ގޮތަކަށް، ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް 2021 ވަނަ އަހަރަށް ފީފާ އިން ތާވަލުކޮށްފި އެވެ.


އެކަމަކު މި ނިންމުމާ ދެކޮޅަށް ޔޫރަޕުން ތެދުވެފައިވާއިރު ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބްތަކުން ވަނީ މުބާރަތް ބޮއިކޮޓްކުރާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ އޮފް ސީޒަނުގައި އިތުރު މުބާރާތެއް ކުޅެން ޖެހި ކުޅުންތެރިންނަށް ބުރަ ބޮޑުވުމެވެ.

މަޔާމީގައި އިއްޔެ ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުމުގައިވާ ގޮތުގައި މި މުބާރާތް ބާއްވަނީ މިހާރު ކޮންމެ ހަތަރަކުން އަހަރުން ބާއްވާ ކޮންފެޑެރޭޝަންސް ކަޕުގެ ބަދަލުގަ އެވެ. ކްލަބް ވޯލްޑް ކަޕް ފުޅާކޮށް ބާއްވަން ނިންމީ މިހާރު ބާއްވާ ގޮތުން އެއްވެސް ސަމާލުކަމެއް ނުލިބޭތީ އެވެ.

އާ މުބާރާތުގެ ޕްލޭނަށް ޔުއެފާ ވޯޓްދީފައިނުވައިރު، ޔޫރަޕުގެ 232 ކްލަބް ތަމްސީލްކުރާ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އާއި ފުޓްބޯޅަ ކުޅުންތެރިންގެ ދުނިޔޭގެ ޖަމިއްޔާ ފިފްޕްރޯ އިން ވެސް ދެކޮޅެވެ. މިހާރު ވެސް ފުރިބާރުވެފައި އޮތް ބައިނަލްއަގްވާމީ ކަލަންޑަރާ މެދު ނުވިސްނައި ބޮޑު މުބާރާތެއް ތައާރަފްކުރުމުން އެ ފަރާތްތައް ތިބީ ހިތްހަމަނުޖެހިފަ އެވެ. ފީފާ އާއި ކްލަބްތަކުން 2024 ގެ ނިޔަލަށް ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރު ހަދާފައިވާއިރު، އެއަށް ބެލުމެއް ނެތި ފަށާ އާ މުބާރާތެއްގައި ނުވަތަ ބަދަލު ގެނެސްގެން ފަށާ މުބާރާތަށް ތާއީދުނުކުރާނެ ކަމަށް އީސީއޭ އިން ބުނެ އެވެ.

އެކަމަކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި ސަބަބަކީ މުބާރާތް ބޭއްވެނީ އެހެން ދެ މުބާރާތެއްގެ ބަދަލުގައި ކަމަށްވެފައި ހަތަރު އަހަރުން އެއް އަހަރު އިތުރު ފަސް މެޗު ކުޅުމަކީ ބުރައަކަށް ނުވާތީ އެވެ.

އާ މުބާރާތުގައި ވާދަކުރާނީ ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމާއި އޯޝޭނިއާގެ ޓީމެކެވެ.

އިއްޔެގެ ބައްދަލުވުމުގައި ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ފުރުސަތުދޭ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކުރުމާ މެދު ގޮތެއް ނިންމުން ޖޫން މަހު އޮންނަ ފީފާގެ ކޮންގްރެސްގެ ނިޔަލަށް ފާސްކޮށްފަ އެވެ. ފީފާ އިން 2026 ވަނަ އަހަރުން ފެށިގެން ފުރުސަތު ދޭނީ 48 ޓީމަށެވެ. ގަތަރު ވޯލްޑް ކަޕުގައި އެ ބަދަލު ގެންނަ ނަމަ ގަތަރާ ގުޅިގެން މުބާރާތް ބާއްވަން އިތުރު ގައުމަކަށް ފުރުސަތު ދޭނެ އެވެ.