އެންރިކޭއާ އެކު ބާސާ 100 ވަނަ މޮޅު ހޯދައިފި

މެޑްރިޑް (އޮގަސްޓް 29) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން މޮޅުވެ ލުއިސް އެންރިކޭގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ އިން 100 ވަނަ މޮޅު ހޯދައިފި އެވެ.


ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އެންރިކޭ އެ ޓީމުގެ ކޯޗެއްގެ ގޮތުން 100 މޮޅު ހަމަކުރީ 126 މެޗުންނެވެ. ބާސެލޯނާގެ އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ 100 މޮޅުހަމަކުރީ 139 މެޗުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހީ 21 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗެވެ. އޭނާ މި ލަނޑު ޖެހީ އާޑާ ޓުރާން ނަގައިދިން ހުރަހަކުންނެވެ.

މި މޮޅާ އެކު ހަ ޕޮއިންޓް ހަމަކޮށް ބާސެލޯނާ އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނަ މަގާމުގައި ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މުޅިން އަލަށް ޕްރޮމޯޓްވި ލަސް ޕަލްމަސް އެވެ. ހަ ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑް އޮތީ ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ތަފާތު ބޮޑުކުރަން ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ.

"ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުނީ. އެކަމަކު މާ ކުރިން މެޗު ނިންމާލެވުނީސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަަމަ. ވަރަށް ގިނަ ފުރުސަތު ހޯދި އެކަމަކު އެޑްވާންޓޭޖް ނުނެގިދިޔައީ،" ބާސެލޯނާގެ ކޯޗު އެންރިކޭ ބުންޏެވެ.