ބަޔާން މިއުނިކަށް ދިއުމުގެ ވިސްނުމެއް ނެތް: ކްލޮޕް

ލަންޑަން (މާޗް 19) - ބަޔާން މިއުނިކާ ހަވާލުވާން އެނބުރި ޖަރުމަނަށް ނުދާނެ ކަމަށާއި ކުރިއަށްދާނީ ލިވަޕޫލާ އެކު ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާން ދަނޑުގައި ލިވަޕޫލް ވަނީ 3-1 އިން ބަޔާން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފުރުސަތު ހޯދައިފަ އެވެ.

ބަޔާން ދަނޑުގައި ލިވަޕޫލުން ދެއްކި ކުޅުމުން އެ ގައުމުގެ ފުޓްބޯޅައިގެ ގިނަ ލެޖެންޑުންގެ ތައުރީފް ކްލޮޕަށް އޮހުނެވެ. ޖަރުމަނުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފްރާންޒް ބެކެންބާއު ބުނީ ބަޔާނަށް މިހާރު އެންމެ ބޭނުންވަނީ ކްލޮޕް ކަަހަލަ ޖަރުމަނު ފުޓްބޯޅައިގެ އިހުސާސްތައް ރަނގަޅަށް ދަންނަ ކޯޗެއް ކަމަށެވެ. އަދި ކްލޮޕް ގެންނަން ބަޔާނުގެ ވެރިން މަސައްކަތް ކުރުމަށް އޭނާ ގޮވާލި އެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑާ ހަވާލުވެ ހުރިއިރު ކްލޮޕް ވަނީ ދެ ފަހަރެއްގެ މަތިން ބަޔާނާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ. ބެކެންބާއުގެ ވާހަކަތަކާ ބެހޭގޮތުން ކްލޮޕް ބުނީ ތައުރީފުގެ ބަސްތަކަށް މަރުހަބާ ކިޔާކަމަށާއި އެހެން ނަމަވެސް ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"ޖަރުމަނުގައި ބެކެންބާއު އަށް ވުރެ ވަކި ބޮޑު ލެޖެންޑެއް ނުހުންނާނެ. އަހަރެން ވަރަށް އުފާވޭ އޭނާ އަހަންނާ މެދު އެހާ ޕޮޒިޓިވްކޮށް ދެކޭތީ. ބަޔާނުން މިދިޔަ 10 ނޫނީ 15 ވަރަަކަށް އަހަރު ގާތްގަނޑަކަށް ހުރިހާ ކަމެއް ރަނގަޅަށް ކޮށްފި. އަހަރެން މިހުރީ އަހަންނާ ގުޅޭ ރަނގަޅު ކްލަބެއްގައި. މި ޓީމު ދޫކޮށްލުމުގެ ވިސްނުމެއް ނެތް،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު ކްލޮޕް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު މިހާތަނަށް ތިން ފައިނަލެއްގައި ކުޅެ ބަލިވެފައިވާއިރު، އެއްވެސް މުބާރާތެއްގެ ތަށްޓެއް ލިބިފައިނުވެ އެވެ.

ކްލޮޕް ބުނީ ޓީމެއް ބިނާކުރުމުގެ މަސައްކަތް ރަނގަޅަށް ކުރެވޭ ކަމަށާއި ތަށީގެ ނަސީބު ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ޓީމު ޑިވެލޮޕްކޮށް މިހާރު ވެސް ރަނގަޅު ޓީމެއް އެކުލަވާލެވިއްޖެ. އަހަރެން ވަރަށް ކޮންފިޑެންސާ އެކު ބުނަން ކެރޭ ލިވަޕޫލަށް އެންމެ ރަނޅު ކޯޗަކީ އަހަންނޭ. އެކަމަކު އަހަރެން ވެސް އެބަޖެހޭ އެކަން ސާބިތުކޮށްދޭން،" ކްލޮޕް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.