ބެލްޖިއަމާއި ނެދަލެންޑްސް އަދި ކްރޮއޭޝިއާ އަށް މޮޅެއް

އެމްސްޓްރެޑަމް، ނެދަލެންޑްސް (މާޗް 22) - ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ފުރަތަމަ މެޗުތަކުން ނެދަލެންޑްސް އާއި ބެލްޖިއަމް އަދި ކްރޮއޭޝިއާ މޮޅުވެއްޖެ އެވެ.


އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނެދަލެންޑްސް ވަނީ 4-0 އިން ބެލަރޫސް ބަލިކޮށްފަ އެވެ. ރަޝިއާގެ މައްޗަށް ބެލްޖިއަމުން ކުރިހޯދީ 3-1 އިންނެވެ. އަދި އަޒަރުބައިޖާންގެ މައްޗަށް އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަށް މޮޅުވެވުނީ ކިރިޔާ އެވެ. ކްރޮއޭޝިއާ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.

ރޮނާލްޑް ކޫމަން ހަވާލުވި ފަހުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނެދަލެންޑްސް އެންމެ ފަހުން އޮތް ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތަށް ވެސް ކޮލިފައިނުވެ އެވެ. ކުރިން ގަދަބާރެއްގެ ގޮތުގައި އޮތް ނެދަލެންޑްސް މިހާރު އަންނަނީ އެ މަގާމަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި ނެދަލެންޑްސް އަށް ލީޑުނަގައިދިނީ މެމްފިސް ޑިޕާއި އެެވެ. ފުރަތަމަ ހާފުގައި ޖިއޮޖީނިއޯ ވައިނަލްޑަމް ނެދަލެންޑްސްގެ ލީޑުފުޅާކޮށްދިންއިރު، ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ އަކުން ޑިޕާއި ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ނެދަލެންޑްސްގެ ހަތަރު ވަނަ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ.

ރަޝިއާ ކޮޅަށް ބެލްޖިއަމްގެ ލަނޑުތައް ޖެހީ އެޑެން ހަޒާޑް ދެ ގޯލާއި ދާދި ފަހުން ލެސްޓާ ސިޓީއާ ގުޅުނު ޒުވާން މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ. ރަޝިއާގެ ލަނޑު ޖަހައިދިނީ ޑެނިސް ޗެރީޝެފް އެވެ. އެ ޓީމުން މި މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 90 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު އަލެކްސަންޑަ ގޮލޯވިން އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗަށް ފަހު ހަޒާޑް ބުނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ މެޗުގައި 5-2 އިން ސްވިޒަލެންޑް އަތުން ބަލިވުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވި ކަމަށާއި އެކަން ހަނދާނުން ފޮހެލަން މި މޮޅު ހޯދުން މުހިއްމު ކަމަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އަށް ކުރިމަތިލާން ޖެހުނީ އުނދަގޫ ފެށުމެކެވެ. އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ ކުޅުނު ނަމަވެސް މި މެޗުގައި ފުރަތަމަ ލީޑުނެގީ އަޒަރުބައިޖާނުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި އެ ޓީމުގެ ރަމިލް ސައޭޑޭވް ލީޑުނަަގައިދީފައިވަނިކޮށް ކްރޮއޭޝިއާ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފްގަ އެވެ. ބޯނާ ބަރީސިޗްގެ ގޯލުން އެއްވަރުކުރިއިރު، މޮޅުވި ގޯލު ޖެހީ އަންދްރެއި ކްރަމަރިޗް އެވެ.