ކޮރަޕްޝަނުގެ މައްސަލައެއްގައި ޕީއެސްޖީގެ ރައީސްއާ ސުވާލުކޮށްފި

ޕެރިސް، ފްރާންސް (މާޗް 23) - ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް މި އަހަރު ގަތަރުގެ ދޯހާގައި ބޭއްވުމަށް ޕީއެސްޖީގެ ވެރިޔާ މަޝްހޫރު މަހުޖަނު ނާސިރު އެލްހެއްލާފީ ހިއްސާ އޮންނަ ކުންފުންޏަކުން އުސޫލުން ބޭރުން ހަރަދުކޮށްފައިވާ މައްސަލައެއްގައި އޭނާއާ ފްރާންސްގެ ދެ އިސް ފަޑިޔާރުން ސުވާލުކޮށްފި އެވެ.


ކޯޓުން ބަލަމުން އަންނަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވުމަށް އަދި ޓޯކިޔޯގައި 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ފުރުސަތު ލިބުނު ގޮތާ ބެހޭ މައްސަލަތަކެކެވެ. އޭގެ ތެރެއިން މިހާރު އަންނަނީ މި އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މައްސަަލަ ވެސް ތަހުގީގު ކުރަމުންނެވެ.

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕާ ގުޅޭ މައްސަލައިގައި ހެއްލާފީއާ ސުވާލުކުރީ އޭނާގެ ހިއްސާ އޮންނަ އޮރީކްސް ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ގޮތް ނޭނގޭ ގޮތަކަށް ހަރަދުކޮށްފައިވާ 3.5 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓެއްގެ މައްސަލައިގަ އެވެ. އޮރީޒް ގަަތަރު ސްޕޯޓްސް އިންވެސްޓްމަންޓަކީ ހެއްލާފީއާ އޭނާގެ ބޭބެ ހާލިދުގެ ކުންފުންޏެކެވެ.

އެ ކުންފުނިން އެ ފަހަރު ހަރަދުކޮށްފައިވާ 3.5 މިލިއަން ޑޮލަރު ލިބިފައިވަނީ ޕާޕާ މަސައްޓާ ޑިއާކް ހިންގަމުން އަންނަ ސްޕޯޓްސް ފާމަކަށެވެ. ޕާޕާ މަސައްޓާ އަކީ އެތުލެޓިކްސްގެ ދުނިޔޭގެ ޖަމިއްޔާގެ ކުރީގެ ރައީސްގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ވެސް މެމްބަރުކަން ކުރެއްވި ލެމީން ޑިއާކްގެ ދަރިއެކެވެ. އެ ޕޭމަންޓަކީ ކޮން ކަމެއްގައި ދީފައިވާ ފައިސާއެއް ކަމެއް ރަސްމީ ލިއެކިއުމެއްގައި ބަޔާންކޮށްފައި ނެތެވެ.

ގަތަރުން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވަން ފުރަތަމަ މަސައްކަތްކުރީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެ ފަހަރު އެ މުބާރާތް ކުރިއަށްދިޔައީ ލަންޑަންގަ އެވެ. ހެއްލާފީ ހިއްސާ އޮންނަ ކުންފުނިން އެ ދެ ޕޭމަންޓް ދެއްކީ އެ މުބާރާތް ބާއްވާ ގައުމު ކަނޑައަޅާ ވޯޓު ނެގުމުގެ ކުރިންނެވެ. ތުހުމަތު ކުރެވުނީ އެ ޕޭމަންޓަކީ ކުރިއަށް އޮތް ދެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން އެއް މުބާރާތް ގަތަރުގައި ބޭއްވޭ ގޮތަށް ނިންމުމަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ދެއްކި ޕޭމަންޓެއްގެ ގޮތުގަ އެވެ.

މިިދިޔަ ބުދަ ދުވަހު މި މައްސަލައިގައި ހެއްލާފީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ޕޭމަންޓްތަކާ ބެހޭ މައުލޫމާތެއް އޭނާ އަށް ނޭނގޭ ކަމަށާއި އެ ކުންފުނީގެ ކަންތައްތައް ބަލަހައްޓަނީ ވަކި ބައެއް ކަމަށެވެ. އަދި އޭނާ އަކީ ޕީއެސްޖީގެ ކަންތައްތަކާ އިސްކޮށް ހަވާލުވެ، ހުންނަ ފަރާތްތަކަމަށާއި ޕީއެސްޖީ ހިންގަނީ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް ގްރޫޕުން ވިދާޅުވި އެވެ.

ސްވިޒަލެންޑުގެ ކޯޓަކުން މިހާރު އަންނަނީ ހެއްލާފީއާ ގުޅޭ އެހެން ކޮޕަރްޝަނުގެ މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހެއްލާފީ ހިންގަވަމުން އަންނަ ގަތަރުގެ ބީން ސްޕޯޓްސް ނެޓްވޯކުން ދެ ފީފާ ވޯލްޑް ކަޕެއްގެ ޓީވީ ރައިޓްސް އުސޫލުން ބޭރުން ވިއްކާފައިވާތީ އެކަމާ ގުޅޭ މައްސަލައެކެވެ. އަދި ގަތަރަށް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ދިނުމުގައި ވެސް ގިނަ ކޮރަޕްޝަންގެ ކަންތައްތަކެއް ހިންގާފައިވާއިރު، އޭގެ ބައެއް ކަންތައްތަކުގައި ވެސް ހެއްލާފީ ހިމެނޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއި ޔުއެފާ އިން މިދިޔަ ހަފްތާގައި ޕީއެސްޖީއާ ގުޅޭ މައްސަލައެއް އަލުން ބަލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ޕީއެސްޖީ ހިލާފުވެފައިވާކަމަށް ބުނެ، ޔުއެފާ އިން ހުށަހެޅި މައްސަލަތައް ޕީއެސްޖީން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރުމުން އެ ކޯޓުން ވަނީ ޔުއެފާ އަށް އެ މައްސަލަތައް އަލުން ނުބެލޭނެ ކަމަށް އަންގައިފަ އެވެ.