ޖަރުމަނާއި ބެލްޖިއަމް މޮޅުވިއިރު ކްރޮއޭޝިއާ ބަލިވެއްޖެ

އެމްސްޓެޑަމް، ނެދަލެންޑްސް (މާޗް 25) - ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި ބެލްޖިއަމް މޮޅުވިއިރު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕަށް ދިޔަ ކްރޮއޭޝިއާ ބަލިވެއްޖެ އެވެ.


ނެދަލެންޑްސް ދަނޑުގައި ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ޖަރުމަނު މޮޅުވީ 3-2 އިންނެވެ. ސައިޕްރަސް ދަނޑުގައި ކުޅުނު މެޗުން ބެލްޖިއަމް ވަނީ 2-0 އިން މޮޅުވެފަ އެވެ. ރަށުންބޭރުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވީ 2-1 އިންނެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އިން ވަނީ ފަހު ވަގުތު ދެ ގޯލު ޖަހައި ޖަރުމަނާ 2-2 އިން އެއްވަރުކޮށް އެ ޓީމު ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލައިފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ޖަރުމަނުގެ އެއް އަމާޒަކީ ކުރީ މެޗުގެ ބަދަލު ހިފުމެވެ.

އެ ގޮތުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބުނު މެންޗެސްޓާ ސިޓީގެ ވިންގް ލެރޯއި ސާނޭ އެވެ. ދެ ވަނަ ލަނޑު ޖެހީ ބަޔާންގެ ވިންގް ސާޖް ގްނަބްރީ އެވެ.

ނެދަލެންޑްސް އިން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ 20 މިނިޓް ތެރޭ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ލަނޑު ޖެހީ އުއްމީދީ ޑިފެންޑަރު މަތައިސް ޑިލީޓް އެވެ. އެއްވަރުކޮށްދިން ލަނޑު ޖެހީ ލިޔޯނަށް ކުޅެމުން އަންނަ މެމްފިސް ޑިޕާއި އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ޖަރުމަނު މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ ނިކޯ ޝަލްޒް އެވެ.

ބެލްޖިއަމްގެ ތޯގަން ހަޒާޑް (ކ) އާއި އޭނާގެ ބޭބެ އެޑެން ހަޒާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ ޓީމަށް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައި މި ފެނުނީ އުއްމީދީ މަންޒަރުތަކެއް ކަމަށާއި ޒުވާން ކުޅުންތެރިންނާއި ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް މަގުފަހުކޮށްދީގެން ޖަރުމަނު ފުޓްބޯޅަ އަލުން އުހަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސައިޕްރަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ބެލްޖިއަމަށް ލީޑުނަގައިިދިނީ އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް އެވެ. މިއީ ގައުމީ ޓީމަށް ހަޒާޑް ކުޅެދިން 100 ވަނަ މެޗެވެ. ބެލްޖިއަމްގެ ދެ ވަނަ ގޯލު ޖެހީ މިޝީ ބަޓްޝުއާޔީ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ހިތްވަރު ފަހަކަށް އައިސް ކްރޮއޭޝިއާގެ ކިބައިން ނުފެނެ އެވެ. ދުނިޔޭގެ 52 ވަނައިގައި އޮތް ހަންގޭރީ ރޭ ކްރޮއޭޝިއާ ބަލިކުރީ ފަހަތުން އަރަ އެވެ. އަންޓޭ ރެބިޗްގެ ގޯލުން ކްރިއޭޝިއާ ލީޑުނަގާފައިވަނިކޮށް ހަންގޭރީ ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އެޑަމް ޒަލާއި އާއި މާޓް ޕަޓްކާއި އެވެ.

ހަންގޭރީ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ. އެއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެ ޓީމު ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.