އެންމެ ފަހުން މެސީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 30) - އާޖެންޓީނާ ގައުމީ ޓީމުގައި އޭނާ ދައްކާ ކުޅުމާ ބެހޭގޮތުން އެ ގައުމުގެ މީޑިއާ އިންނާއި އެކި ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


ފާޑުކިޔުންތައް ގިނަވެ، މެސީ ވަނީ އެއް ފަހަރު ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު އެނބުރި އައިސް އެންމެ ފަހުން އޮތް ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމަށް އެހީތެރިވެފަ އެވެ. މިިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކުޅުން ދަށްކޮށް ފެނުނުއިރު މެސީ އަށް ވަރަށް ގިނަ ފާޑުކިއުން އަމާޒުވި އެވެ. އެކަމާ ހިތްހަމަނުޖެހި އެ މުބާރާތަށް ފަހު ގައުމީ ޓީމުން މެސީ ބްރޭކެއް ނެގި އެވެ.

މެސީ އަލުން ގައުމީ ޓީމަށް އައީ މި މަހު ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން އާޖެންޓީނާ 3-1 އިން ބަލިވިއިރު، މެސީ އަށް ވަނީ އަނިޔާވެފަ އެވެ. އަދި އެންމެ ފަހުން އާޖެންޓީނާ އިން މޮރޮކޯ އަތުން 1-0 އިން މޮޅުވި މެޗުގައި މެސީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކަމާ ބެހޭގޮތުން އާޖެންޓީނާ މީޑިއާގައި ދެކެވުނީ ބާސެލޯނާގައި މެސީ ދައްކާ ކުޅުން އާޖެންޓީނާގައި ނުދެއްކޭ ކަމަށް ބުނެ އެވެ.

އަމިއްލަ ގައުމުގައި މެސީއާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަަކަތައް ފަތުރާތީ އޭނާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަރެންގެ ހަ އަހަރުގެ ފިރިހެން ދަރިފުޅު ތިއާގޯ އަހަރެން ގާތުގައި އަހާ އާޖެންޓީނާގައި އަހަރެން މަރާލަން އެހާ ވަރަށް ފާޑުކިޔަނީ ކީއްވެހޭ. ކީއްވެހޭ އާޖެންޓީނާ އިން އަހަރެން ބޭނުންވަނީ. މިއީ ޔޫޓިއުބްގައި އަހަންނާ އަމާުޒުކޮށް ހުންނަ ވީޑިއޯތައް ބެލުމަށް ފަހު އަހަރެންގެ ދަރިފުޅުކުރާ ސުވާލުތައް،" އާޖެންޓީނާ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

އަލުން އެނބުރި ގައުމީ ޓީމަށް އައީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީގެ ޕްލޭން ރަނގަޅުވުމުން ކަމަށާއި ގައުމީ ޓީމުގައި ހުރެ ކާމިޔާބީއެއް ހޯދަން ބޭނުންވާތީ ކަމަށެވެ. އަދި މި ފަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބު ކުރަން ބޭނުންވާ ކަމަށާއި ގިނަ ބަޔަކު ގައުމީ ޓީމަށް ނުކުޅެން އޭނާ ގާތުގައި ބުނެފައި އޮއްވައި ވެސް އަލުން ގައުމީ ޓީމަށް އައީ ޓީމަށް ކާމިޔާބީއެއް ހޯދައިދޭން ބޭނުންވާތީ ކަމަށް ބުނެ އެ ވާހަކަ މެސީ ތަކުރާރުކުރި އެވެ.

އާޖެންޓީނާ މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް ބަލާއިރު ޓީމަށް ކުޅުންތެރިން ނެގުމުގައި މެސީ ނުފޫޒު ފޯރުވަ އެވެ. އެގޮތުން އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި މެސީ ބޭނުންވި ގޮތްތަކަށް ޓީމު ރޭވި ވާހަކަތަކެވެ. މެސީ ވަނީ އެ ފަދަ ވާހަކަތަކަކީ އޭނާ ބޮލުގައި ބަދުނާމު އެޅުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

"ކޮންމެ ދުވަހަކު އާ ވާހަކަތަކެއް. އާ ދޮގުތަކެއް މީޑިއާގައި އޮވޭ. އޭގެ ސަބަބުން އަހަރެންގެ އާއިލާ އަށް އަސަރުކުރޭ. އެއީ އަހަންނަށް ވެސް ކުރާނެ އަސަރެއް. ޓީމުގައި ހުރިހާ ގޯހެއް ހަދަނީ އަހަރެންގެ ގޮތުގައި ލޭބަލް ކުރުން މީޑިއާ އަށް އޮތީ. ބައެއް މީހުންނަށް އެ ދޮގު ވާހަކަތައް ކަމުދިޔަސް. އެއީ ހަގީގަތެއް ނޫން،" ހިތްހަމަ ނުޖެހިފައި ހުރެ މެސީ ބުންޏެވެ.

މެސީ ވަނީ އޭނާގެ އެންމެ ވާދަވެރި ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ރޮނާލްޑޯ ނެތުމަކީ ސްޕެނިޝް ލީގަށް އައި އުނިކަމެއް ކަމަށާއި ރޮނާލްޑޯ ވަނީ އެ ލީގަށް ގިނަ ޝަރަފްތަކެއް ހޯދައިދީފައިކަމަށް މެސީ ބުންޏެވެ.