ފަހު ވަގުތު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

ލަންޑަން (އޭޕްރީލް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން މޮޅުވެ ލިވަޕޫލް ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.


ރޭގެ ނަތީޖާއާ އެކު ލިވަޕޫލް އެއް ވަނަ އަށް އެރީ 32 މެޗުން 79 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 31 މެޗުން 77 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 31 މެޗުން 61 ޕޮއިންޓާ އެކު އެވެ. ރޭ ކާޑިފް ސިޓީ އަތުން 2-1 އިން މޮޅުވި ޗެލްސީ ހަ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް އާސެނަލާ އެއްވަރަށް 60 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު މިރޭ ކުޅޭ މެޗުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އާސެނަލް ތިން ވަނަ އަށް އަރާނެ އެވެ.

ލިވަޕޫލްގެ ދަނޑުގައިި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނަގައިިދިން ހުރަހަކުން ލިވަޕޫލަށް ލީޑުނަގައިިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. ދެ ވަނަ ލަނޑެއް ޖަހަން މި ހާފްގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ފޮނުވާލި ދެ ބޯޅަ ވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފްގައި ޓޮޓެންހަމުން މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން ހެރީ ކޭން ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. ޓޮޓެންހަމަށް އެއްވަރުކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައި ލޫކަސް މޯރާ އެވެ. އެ ޓީމަށް ލީޑުނަގައިދޭން މޫސާ ސިސޯކޯ އާއި ޑެެލެ އަލީ އަށް ރަނުގެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ޓޮޓެންހަމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ލިވަޕޫލުން އިތުރު ވަގުތުގައި ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވުމެވެ. މި ގޯލަކީ ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ބޮލުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް އަތުގައި ޖެހިފައި ގޯލަށްވަނީ އަލްޑަވެއިރަލްޑް ފައިގައި ޖެހިފައި ގޮހެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލީގު ހޯދަން އެ ޓީމު ވާދަކުރަން ޖެހިފައި އޮތީ މި ވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅު ފޯމެއްގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ސިޓީއާ ކަމަށާއި އެހެން ކަމުން މެޗުތަކުން މޮޅުވެގެން ކުރިއަށްދިއުން މުހިއްމު ކަމަށެވެ. އަދި ލިވަޕޫލަށް ނަސީބު އެހީވަނީ ހަމަ އެހެން ހުރެފައި ނޫން ކަމަށާއި އެ ކަމަށް ހައްގުވާ ވަރަށް މަސައްކަތް ކުރާތީ ކަމަށް ބުންޏެވެ.

ކާޑިފް ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން ކުޅުނީ އެންގޯލޯ ކާންޓޭ އާއި އެޑެން ހަޒާޑް ބެންޗުގައި ބައިތިއްބައިގެންނެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ކާޑިފަށް ލީޑުނަގައިިދިނީ ވިކްޓަ ކަމަރާސާ އެވެ. ހަޒާޑް ކުޅެން އަރުވައި އިތުރު ބަދަލުތައް ގެނެސް ޗެލްސީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު އަށް މިނިޓް ތެރޭގަ އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ސެޒާ އަޒްޕިލިކުއޭޓާ އެވެ. އޭނާ މި ލަނޑު ޖެހިއިރު އޮފްސައިޑްގައި ހުރިއިރު، ރެފްރީ އެ ލަނޑު ލާން ނިންމުމުން ކާޑިފްގެ ކޯޗު ނީލް ވާނޮކް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޗެލްސީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ރުބެން ލޮފްޓަސް-ޗީކް އެވެ.

މެޗު ނިމުމުން ކާޑިފްގެ ކޯޗު ވާނޮކް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ދަނޑަށް ވެސް އެރި އެވެ. އަދި އޭގެ ފަހުން އޭނާ މެޗާ ބެހޭގޮތުން މީޑިއާގެ ސުވާލުތަކަށް ދިން ޖަވާބުގައި ބުނީ މިއީ ފުޓްބޯޅަ ހަޔާތުގައި އޭނާ އަށް ފެނުނު އެންމެ ބޭއިންސާފު ނިންމުން ކަމަށެވެ.