ބާސެލޯނާ ފަހު ވަގުތު ޕޮއިންޓެއް ހޯދައިފި

ބާސެލޯނާ (އޭޕްރިލް 3) – ފަހު ވަގުތު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ޖެހި ގޯލްތަކާ އެކު ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ވިޔަރެއާލްއާ 4-4 އިން އެއްވަރުކޮށްފި އެވެ.


މި މެޗުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ އިން ތާވަލުގެ އެއް ވަނައިގައި އޮތީ 70 ޕޮއިންޓާ އެކު އަށް ޕޮއިންޓުގެ ލީޑެއްގަ އެވެ. ދެ ވަނައިގައި 62 ޕޮއިންޓާ އެކު އޮތީ ރޭ ޖިރޯނާ އަތުން 2-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. މި ދެ ޓީމު ހޮނިހިރު ދުވަހުގެރޭ ކޭމްޕް ނޯގައި ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ. ތިން ވަނައިގައި 57 ޕޮއިންޓާ އެކު އޮތް ރެއާލް މެޑްރިޑަށް ލީގު ހޯދުމުގެ ފުރުސަތެއް ނެތެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ގޯލްތައް ޖެހީ ފިލިއްޕެ ކުޓީނިއޯ އާއި މެލްކޮމް އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުކޮށްލައި ވިޔަރެއާލް ވަނީ ފަހަތުން އަރައި ހަތަރު ގޯލް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ސެމުއަލް ޝޫކްވުއޭޒޭ ލަނޑެއް ޖަހާފައި އޮއްވާ ދެ ވަނަ ހާފުގައި އަނެއް ތިން ގޯލް ޖެހީ ޓޮކޯ އެކަމްބީ އާއި ވިސެންޓޭ އިބޯރާ އަދި ކާލޯސް ބަކާ އެވެ.

އެކަމަކު 86 ވަނަ މިނެޓުގައި ވިޔަރެއާލްގެ އަލްވާރޯ ގޮންޒާލޭޒް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުން ބާސެލޯނާ އަށް އެޑްވާންޓޭޖް ލިބުނެވެ. އަދި ބަދަލުގައި ކުޅުންތެރިޔެއްގެ ގޮތުގައި އެރި މެސީ 90 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ގޯލް ޖަހައި ތަފާތުކުޑަކުރި އެވެ. ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރި ގޯލް ސުއަރޭޒް ކާމިޔާބުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ.

"މެޗުގެ ފަހުކޮޅު އަހަރެމެން ދެއްކި ރޫހާއި ގޮތްދޫކޮށްލަން ބޭނުންނުވި ނުވުމާއި ފަހު މިނެޓުގައި އެނބުރި އައި އައުމުން އަހަރެމެން ސާބިތުކޮށްދިނީ، އަހަރެމެން މި ލީގު ކާމިޔާބުކުރަން ބޭނުންވާކަން،" ސުއަރޭޒް ބުންޏެވެ.