ޔާއޯ ފެލިކްސްގެ އަގު 150 މިލިއަން ޔޫރޯ އަށް

ލިޒްބަން، ޕޯޗުގަލް (އޭޕްރީލް 13) - މަޝްހޫރު ގިނަ ކްލަބްތަކުން ޕޯޗުގަލްގެ އަރަމުން އަންނަ ހުނަރުވެރި ތަރި ޔާއޯ ފެލިކްސް އަށް ފާރަލަމުން އަންނާތީ އޭނާގެ އަގު 150 މިލިއަން ޔޫރޯ އަށް ވުރެން ކުޑަނުވާނެ ކަމަށް އޭޖެންޓް ޕެޑްރޯ ކޮޑެރޯ ބުނެފި އެވެ.


މި ސީޒަނުގައި އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ތަފާތު 30 ކްލަބަކުން ވަނީ ޕެޑްރޯ މެދުވެރިކޮށް ޔާއޯ ފެލިކްސްގެ މައުލޫމާތު އެއްކޮށްފަ އެވެ. ޔާއޯ ފެލިކްސް އަށް ފާރަލަމުން އަންނަ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ބަޔާން މިއުނިކް، ޔުވެންޓަސް، ޕީއެސްޖީ އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 4-2 އިން ބެންފީކާ މޮޅުވި މެޗުގައި ޔާއޯ ފެލިކްސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ އަކީ 2007 ވަނަ އަހަރު ސާޖިއޯ އަގުއޭރޯ އަށް ފަހު މި މުބާރާތުގައި ހެޓްރިކެއް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަގުއޭރޯ ހެޓްރިކް ހެދީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑާއި ތުރުކީގެ އެރުސިޔެސްޕޯ ބައްދަލުކުރި މެޗެއްގަ އެވެ.

އެޓޭކިން މިޑްފީލްޑަރަކަށާއި ދެ ފަޅިން ވެސް ކުޅޭ ޔާއޯ ފެލިކްސް އަކީ ޔޫރަޕްގެ މުބާރާތެއްގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެ ރެކޯޑް ކުރިން އޮތީ 1962 ވަނަ އަހަރުގައި އޭރު އުމުރުން 20 އަހަރުގެ ޕޯޗުގަލްގެ ލެޖެންޑް އުސޭބިއޯ އަތުގަ އެވެ.

ފަހަކަށް އައިސް ޔާއޯ ފެލިކްސްގެ މެޗުތައް ބަލަން ޔޫރަޕްގެ ގިނަ ކްލަބްތަކުގެ ސްކައުޓުން ޕޯޗުގަލް އަށް ދާއިރު، ކޮޑޭރޯ އަންނަނީ ގިނަ ސްކައުޓުންގެ އިތުރުން އޭޖެންޓުން ވެސް މަޝްވަރާކުރަމުންނެވެ. ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔާއޯ ފެލިކްސް ވިއްކާލަން ބެންފީކާއިން ކިޔާ އަގަކީ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) އެވެ.

ބެންފީކާގެ މެޗެއްގެ ތެރެއިން ޔާއޯ ފެލިކްސް ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ކޮޑޭރޯ ބުނީ ކްލަބްތަކުގެ މެދުގައި ޔާއޯ ފެލިސް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމުން އަގު ވެސް އުފުލިފައިވާ ކަމަށެވެ.

"ބެންފީކާ އިން ވެސް އެ ކްލަބްގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ކުޑަ އަގެއްގައި ދޫކޮށްލަން ބޭނުމެއްނުވާނެ. އެހެންވީމަ މީގެ އެންމެ ބޮޑު ބިޑެއް ކުރާ ޓީމަކަށް ވެސް ބަލާނަން. އަނެއްކޮޅުން ޔާއޯގެ ޑިވެލޮޕްމަންޓަށް ވެސް ވިސްނަން ޖެހޭ ކުޅުމުގެ ފުރުސަތު ރަނގަޅަށް ލިބޭ ޓީމަކަށް އިސްކަންދޭނަން. މި ހުރިހާ ކަމަކަށް ބެލިޔަސް މި ވަގުތުގެ ހާލަތަށް ބަލާއިރު ޔާއޯގެ އަގު އުޅެނީ 150 މިލިއަން ޔޫރޯގައި،" ޕޯޗުގަލްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކޮޑޭރޯ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ޔާއޯ ފެލިކްސް އަށް ތައުރީފުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ލިވަޕޫލުން ޔާއޯ ފެލިކްސް އަށް ކުރި 61 މިލިއަން ޕައުންޑް (80 މިލިއަން ޑޮލަރު)ގެ ބިޑަށް ބެންފީކާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.

ޒުވާން އުމުރުގައި ޕޯޓޯ ޔޫތު ޓީމަށް ކުޅުނު ޔާއޯ ފެލިކްސް އަށް ޕޯޓޯގެ ސީނިއާ ޓީމުން ކޮންޓްރެކްޓެއް ދޭން ދެކޮޅު ހެދި ސަބަބަކީ އޭނާ އެހެން ކުޅުންތެރިންނަށް ވުރެ ހަށިގަނޑު ބަލިކަށިކޮށް ހުރުމުން ކުރިއަރާނެ ފުރުސަތު ކުޑަކަމަށް ނިންމުމަށް ފަހު އެވެ. ޕޯޓޯ އިން ކޮންޓްރެކްޓް ނުދިނުމުން ޔާއޯ ފެލިކްސް ގުޅުނީ ޕޯޓޯގެ އެންމެ ވާދަވެރި ބެންފީކާ އަށެވެ. އެ ޓީމުގައި އޭނާ ހޯދަމުން އައި ކުރިއެރުމަށް ބެލުމަށް ފަހު ސީނިއާ ޓީމުން ފުރުސަތު ދޭން ފެށީ އުމުރުން 17 އަހަރުގަ އެވެ. މިހާރު އޭނާ ވަނީ ޕޯޗުގަލް ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ޕޯޗުގަލްގެ ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި ޔާއޯ ފެލިކްސް އަކީ މިހާތަނަށް އުމުރުން 19 އަހަރުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކުޅުންތެރިޔާ އެވެ.