ޓޮޓެންހަމް ތިން ވަނަ އަށް، ޔުނައިޓެޑަށް މޮޅެއް

ލަންޑަން (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަޑްސްފީލްޑް ޓައުން 4-0 އިން ބަލިކޮށް ޓޮޓެންހަމް ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.


ރޭގެ ނަތީޖާއާ އެކު ޓޮޓެންހަމުން ލީގުގެ ތިން ވަނަ އަށް ޖެހިލީ 33 މެޗުން 67 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 32 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ޗެލްސީ މިރޭ ރަށުންބޭރުގައި ނުކުންނާނީ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ. ރޭގެ މޮޅާ އެކު ޔުނައިޓެޑް ފަސް ވަނަ އަށް އެރީ 33 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ތަރި ހެރީ ކޭން އަށް އަނިޔާވެ މި ސީޒަނުގައި ދެން އޭނާ ފެނުމުގެ ފުރުސަތު ކުޑަވެފައިވާއިރު، ރޭގެ މެޗުގައި ޓޮޓެންހަމުން ނުކުތީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ވެސް ނުލަ އެވެ. އަދި ފުރަތަމަ އެގާރަ އަށް އެހެން ބަދަލުތަކެއް ވެސް ގެނެސްގެނެވެ. ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ކޮޅަށް ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޖެހީ ވިކްޓަ ވަންޔާމާ އެވެ. މިއީ މި ސީޒަނުގައި ވަންޔާމާ ޖެހި ފުރަތަމަ ގޯލެވެ.

ޓޮޓެންހަމްގެ އަނެއް ތިން ގޯލު ޖަހައި ހެޓްރިކެއްހެދީ ބްރެޒިލްގެ ވިންގް ލޫކަސް މޯރާ އެވެ. މޯރާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރިއިރު، ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. މިއީ ޓޮޓެންހަމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ހެޓްރިކް ހެދީ މިޑްލްސްބަރާ އަށް ކުޅުނު އަފޮންސޯ އަލްވޭސް އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ރޮބީނިއޯ އަދި ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކޭން އާއި ޑެލެ އަލީ ފަދަ ކުޅުންތެރިން ނުލައި ޓޮޓެންހަމުން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށާއި ކުރިއަށް އޮތް ސިޓީއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ކުރިން ޓީމަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ސިޓީއާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ވެސް ބައްދަލުކުރާނީ އެ ޓީމާ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސްޓް ހޭމް އިންނެވެ. އެކަމަކު ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ އެންޑަސަން ޖެހި ގޯލު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ޕައުލް ޕޮގްބާ އެވެ. މިއީ ޔުނައިޓެޑްގެ ހުއާން މަޓާ އަށް ވެސްޓް ހޭމްގެ ރޮބަޓް ސްނޮޑްގްރާސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އެންޑަސަން ވެސްޓް ހޭމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މިކޭލް އެންޓޯނިއޯ ވަނީ ވެސްޓް ހޭމަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ވެސް ޔުނައިޓެޑުން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ވެސް ޖެހީ ލިބުނު ޕެނަލްޓީ އަކުން ޕޮގްބާ އެވެ. މިއީ ޔުނައިޓެޑަށް މި ފަހަރު ލީގުގައި ލިބުނު 12 ވަނަ ޕެނަލްޓީ އެވެ. ލީގުގައި އެންމެ ގިނަ ޕެނަލްޓީ ލިބުނީ އެ ޓީމަށެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ވެސްޓް ހޭމުން ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ. އަދި ޔުނައިޓެޑަށް މި މެޗުގެ ތިން ޕޮއިންޓް ހޯދައިދޭން އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ އަދާކުރި ދައުރު ފާހަގަކުރަން ޖެހޭ ކަމަށް ސޯލްޝެއާ ބުންޏެވެ.