ފުލުގައި އޮތް ހުއެސްކާ އިން ބާސެލޯނާ ހުއްޓުވައިފި

މެޑްރިޑް (އޭޕްރީލް 14) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން ލީގުގެ އެންމެ ފުލުގައި އޮތް ހުއެސްކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.


ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ ލީގުގެ އެއް ވަަނައިގައި އޮތީ 32 މެޗުން 74 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ކުޅުނު މެޗުން 2-0 އިން ސެލްޓަ ވިގޯ ބަލިކޮށްފަ އެވެ. އެތުލެޓިކޯ އަށް ވަނީ 32 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.

ރަށުން ބޭރުގައި ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ހުއެސްކާއާ ދެކޮޅަށް ޓީމު ނެރުނީ ގިނަ ބަދަލުތަކަކާ އެކު އެވެ. ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ލިއޮނަލް މެސީ އާއި ސާޖިއޯ ބުސްކެޓްސް އަށް އަރާމްކުރަން ފުރުސަތު ދިންއިރު، ޖެރާޑް ޕީކޭ އާއި ލުއިސް ސުއަރޭޒް ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އަނިޔާގެ ސަަބަބުން ސާޖީ ރޮބާޓޯ އާއި އިވާން ރަކިޓިޗް ޓީމުގައި ނުހިމެނެ އެވެ.

ބާސެލޯނާ އިން ފުރުސަތު ދިން ކުޅުންތެރިންނަށް ބަލާއިރު، ލީގުގައި މުޅިން އަލަށް ހަތަރު ކުޅުންތެރިޔަކަށް ވަނީ ފުރުސަތު ދީފަ އެވެ. އެއީ ޖިއަން-ކްލެއާ ޓޮޑީބޯ، ޖެއިސަން މުރީލޯ، މޫސާ ވެގޫ އަދި ރޫއީ ޕިގް އެވެ. އަނިޔާއިން ރަނގަޅުވެ މުސާ ޑެމްބެލޭ ރޭގެ މެޗުގައި ކުޅުނުއިރު، ކެވިން ޕްރިންސް ބޯޓެން އާއި އާޓޫރޯ ވިޑާލަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ޑެމްބެލޭ އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ. އަނެއްކޮޅުން ހުއެސްކާގެ އެޓޭކްތައް ހުއްޓުވުމުގައި ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ބްރެޒިލްގެ ވިންގް މެލްކޮމް ޖެހި ބޯޅައެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ.

ސަސްޕެންޝަނުގެ ސަބަބުން އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ސީޒަން ނިމިފައިވާއިރު، ރޭގެ މެޗުގައި ސެލްޓައާ ދެކޮޅަށް އެތުލެޓިކޯގެ އެޓޭކް ލީޑުކުރީ އެންޓޮއިން ގްރީޒްމަން އާއި އަލްވާރޯ މޮރާޓާ އެވެ. ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ގްރީޒްމަން އެތުލެޓިކޯ އަށް ލީޑުނަގައިިދިނީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލަކުންނެވެ. ދެ ވަނަ ހާފްގައި މެޗު ނިމެން ފަނަރަ މިނިޓަށް ވެފައި ހުއްޓައި އެތުލެޓިކޯގެ ދެ ވަަނަ ގޯލު ޖެހީ ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ އެވެ.