ޗެލްސީގެ ހާލަތު ލިވަޕޫލަށް މުހިއްމެއް ނޫން: ކްލޮޕް

ލިވަޕޫލް (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު އިދިކޮޅުގައި އޮތް ޗެލްސީގެ ހާލަތު މުހިއްމުނުވާ ކަމަށާއި ބޭނުންވަނީ މެޗުން މޮޅުވެ ހަމަޖެހުމެއް ހޯދުމަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 33 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 32 މެޗުން ލިބިފައިވަނީ 80 ޕޮއިންޓެވެ. މިރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށް ނުކުންނައިރު، އެ ޓީމަށް ލީގުގެ އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ސިޓީ ކުޅޭ މެޗުގައި ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެނަމަ އެވެ. އަދި ސިޓީ އަށް މޮޅުނުވެވިއްޖަނަމަ ލިވަޕޫލަށް ލީގުގެ ރޭހުގައި ކުރި ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

ހަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހޭތީ މިދިޔަ ހަފްތާގައި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ މެޗުތައް ރޭވިފައިހުރި ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށްފަ އެވެ. އަދި ޔޫރަޕްގައި ބުރާސްފަތި ދުވަހުގައި ކުޅުމަށް ފަހު ދެ ދުވަސް ފަހުން ލީގުގައި ވަރުގަދަ މެޗުތައް ކުޅެން ފަސޭހަނުވާނެ ކަމަށް ސާރީ ވަނީ ބުނެފަ އެވެ.

ކްލޮޕް ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް ވެސް އޮތީ އުނދަގޫ ހާލަތްތަކެއް ކަމަށާއި އޭނާ އަކީ އަބަދުވެސް އިދިކޮޅު ޓީމުގެ ހާލަތަށް ނުބަލައި ކުރިމަތީގައި އޮތް މެޗަށް ތައްޔާރުވާ މީހެއް ކަމަށެވެ.

"ކޮންމެ ޓީމަކަށް އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން ހުރިހާ ކަމެއް އޮންނާނީ. މީގެ ދެ އަހަރު ކުރިން އަހަރެމެން ވެސް ޔޫރޮޕާ ލީގުގައި ކުޅުނުއިރު ވަރަށް އުނދަގޫ ޝެޑިއުލެއް އޮތީ. އަހަރެންގެ ވިސްނުމަކީ އަބަދުވެސް ކުރިއަށް އޮތް ޗެލެންޖް. އިިދިކޮޅު ޓީމުގެ ހާލަތު އަހަންނަށް މުހިއްމެއް ނޫން. މުހިއްމީ މެޗަށް ތައްޔާރުވެގެން ނުކުތުން. ޔަގީން ޗެލްސީ ވެސް ނުކުންނާނީ އެގޮތަށް،" މިރޭގެ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން ލިވަޕޫލުން ލީގު ހޯދުމާ ގާތަށް ޖެހިލި ސީޒަނުގައި އެކަމަށް އެންމެ ބޮޑަށް ހުރަސް އެޅީ ޗެލްސީންނެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ނުކުތް ޗެލްސީން ވަނީ ލިވަޕޫލް ދަނޑުގައި އެ ފަހަރު 2-0 އިން މޮޅުވެފަ އެވެ. އެއާ އެކު ލިވަޕޫލަށް އެ ފަހަރުގެ ލީގުގެ ކޮންޓްރޯލް ގެއްލުނެވެ. އެ ފަހަރު ވެސް ތަށި ހޯދީ ސިޓީންނެވެ.

ކްލޮޕް ބުނީ މާޒީގައި ވެފައި އޮތް ކަމަކަށް ބަލައިގެން އެއްވެސް ކަމެއް ހާސިލްނުކުރެވޭނެ ކަމަށެވެ.

"އަހަންނަށް ހިއެއްނުވޭ ތީގެ އަސަރެއް މިހާރު ހުރިހެނެއް. އެއީ ލިވަޕޫލަށް ޕްރެޝަރު ކުރެވޭނެ ވިސްނުމުގައި ދައްކާ ވާހަކަ. މި ވަގުތު އޮތް ޓީމުގައި އެކަން ތަޖުރިބާކުރި ކުޅުންތެރިން އެބަތިބި. އެކަމަކު އެ ކުޅުންތެރިންނަށް ވެސް އެނގޭނެ މިހާރު އޮތް ޓީމުގެ ތަފާތު. އަހަރެން ހުރިހާ ހާލަތަކަށް ތައްޔާރު،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލަށް އެންމެ ނުރައްކާ ބޮޑުވާނެ ކުޅުންތެރިޔަކީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ޗެލްސީގެ އެޑެން ހަޒާޑް ކަމަށާއި އޭނާ އަކީ މޮޅަށް ކުޅޭ ދުވަހެއްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ ފެންވަރުގެ ކުޅުމެއް ދައްކާ ކުޅުންތެރިޔެއް ކަމަށެވެ.

އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ލިވަޕޫލަށް މޮޅެއް ލިބިފައިނުވެ އެވެ. ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ޗެލްސީ އަތުން މޮޅުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު އެއްވަރުވެގެން ނިމުނުއިރު، ތިން މެޗުން ޗެލްސީ ވަނީ މޮޅުވެފަ އެވެ.

ލިވަޕޫލް ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.