ރެއާލް މެޑްރިޑް ޔާއޯ ފެލިކްސްއާ މެދު ސީރިއަސް

މެޑްރިޑް (އޭޕްރިލް 15) – ޔޫރަޕުގެ އެތައް ކްލަބެއްގެ ލޯ އަމާޒުވެފައިވާ ބެންފީކާގެ ޕޯޗުގަލް ފޯވާޑް ޔާއޯ ފެލިކްސް އަށް މި ސީޒަނުގައި ރެއާލް މެޑްރިޑުން ބިޑްކޮށްފާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޔުއެފާ ޔޫތު ލީގުގައި މީގެ ދެ އަހަރު ކުރިން ރެއާލް މެޑްރިޑް ކޮޅަށް ޔާއޯ ފެލިކްސް ދެ ލަނޑު ޖެހި ހިސާބުން އެ ކްލަބުން އޭނާ އަށް ޝައުގުވެރިވި އެވެ. އޭރު އޭނާގެ ސޮއި ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ނާކާމިޔާބުވީ އެވެ.

ޔުރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބެންފީކާ އާއި އެއިންކްރެޓް ފްރެންކްފަޓް ކުޅުނު މެޗުގައި ފްރެންކްފަޓްގެ ލޫކާ ޔޮވިޗްގެ ކުޅުން ބަލަން މެޑްރިޑުން ފޮނުވި ސްކައުންޓުނަށް ވެސް ސަމާލުކަން ދެވުނީ އެ މެޗުގައި ހެޓްރިކެއް ހެދި ޔާއޯ ފެލިކްސް އަށެވެ.

އެޓޭކިން މިޑްފީލްޑަރަކަށާއި ދެ ފަޅިން ވެސް ކުޅޭ ޔާއޯ ފެލިކްސް އަކީ ޔޫރަޕްގެ މުބާރާތެއްގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ތަފާތު 30 ކްލަބަކުން ވަނީ އޭޖެންޓް މެދުވެރިކޮށް އޭނާގެ މައުލޫމާތު އެއްކޮށްފަ އެވެ.

ޔާއޯ ފެލިކްސްގެ މިހާރުގެ ކޮންޓްރެކްޓް ރިލީޒް އަދަދަކީ 120 މިލިއަން ޔޫރޯ އެވެ. އެ އަދަދު ދައްކަން ސްޕެއިނުގެ ބާސެލޯނާ އާއި ޕްރިމިއާ ލީގުގެ ދެ ކްލަބެއްގެ އިތުރުން އިޓަލީގެ ކްލަބެއް ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެންވެ ބެންފީކާ އިން އަންނަނީ އެ އަދަދު 200 މިލިއަން ޔޫރޯ އަށް އެރުވުމަށްޓަކައި ކޮންޓްރެކްޓް އާކުރަން ޔާއޯ ފެލިކްސްގެ އޭޖެންޓާ މަޝްވަރާކުރަމުންނެވެ.

ޔާއޯ ފެލިކްސްގެ އިތުރުން ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް ހޯދަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި އިންޓަ މިލާނުގެ ސެންޓަ ފޯވާޑް މައުރޯ އިކާޑީ އާއި ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑާއި ފްރެންކްފަޓްގެ ފޯވާޑް ލޫކާ ޔޮވިޗާއި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަދި ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހިމެނެ އެވެ.

ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގުގައި އަތްނުލެވި މެޑްރިޑް ސީޒަން ނިންމާލަން ޖެހިފައިވާއިރު، ޒައިނުއްދީން ޒިދާން އަލުން ގެނެސް އަންނަ ސީޒަނަށް ތައްޔާރުވާން މިހާރުން ފެށިގެން މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޓްރާންސްފާ ބަޖެޓަކަށް 500 މިލިއަން ޔޫރޯ ފާސްކޮށްފައިވާ ކަމަށްވެ އެވެ. އެއީ ކުޅުންތެރިން ވިއްކާލައިގެން ލިބޭ 200 މިލިއަން ޔޫރޯ ހިމަނައިގެން ކަމަށްވެ އެވެ.