ސިޓީ އަށް ކުރިއަށް އޮތީ ތިން ފައިނަލް: ގާޑިއޯލާ

މެންޗެސްޓާ (އޭޕްރީލް 17) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީ އަށް ކުރިއަށް އޮތް ތިން މެޗަކީ ވެސް ފައިނަލްތަކެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


މިރޭ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭނީ ވެސް އެ ޓީމާ އެވެ. އެ އަށް ފަހު އަންނަ ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާނެ އެވެ. މި ތިން މެޗަކީ ސިޓީން އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުން ހޯދުން އެންމެ ބޮޑަށް ބަރޯސާވާނެ ތިން މެޗު ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން ސިޓީ ވަނީ ޓޮޓެންހަމް ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. އެހެން ކަމުން ސެމީ ފައިނަލަށް ދިއުމަށް މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ސިޓީ ވަނީ މި ފަަހަރުގެ ލީގު ކަޕް ކާމިޔާބުކޮށް އެފްއޭ ކަޕްގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ މިއީ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ސިޓީން ކުރާ މަސައްކަތުގެ އެންމެ މުހިއްމު ހަފްތާ ކަމަށެވެ.

"އަހަރެމެން މި މެޗުތަކުން މޮޅުނުވެއްޖެނަމަ ދެ މުބާރާތް ގެއްލޭނެ. މި ތިން މެޗަކީ ވެސް އަހަރެމެންނަށް ފައިނަލް. މިއީ މި ސީޒަނުގެ އެންމެ މުހިއްމު ހަފްތާ،" ގާޑިއޯލާ ބުންޏެވެ.

ލީގުގެ ރޭހުގައި އެއް މެޗު އިތުރަށް ކުޅެގެން މި ވަގުތު ލިވަޕޫލް އެއް ވަނައިގައި އޮތްއިރު، ސިޓީން ދެން ލީގުގައި ކުޅޭ ދެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަަނަ ލިބޭނެ އެވެ. ގާޑިއޯލާ ބުނީ މި ވަގުތު ވިސްނުން ހުރީ ކުރިއަށް އޮތް މެޗަށް އެކަނި ކަމަށެވެ.

"އިނގިރޭސި ޕްރިމިއާ ލީގަށް ވިސްނާނީ ޗެމްޕިއަންސް ލީގު މެޗަށް ފަހު. ޔަގީނުން ވެސް އެނގޭ ކަމަކީ ސިޓީ އަށް އަމިއްލަ ބާރުގައި ހުރިހާ ކަމެއް ކުރެވޭނެ އިހުތިޔާރު އެބައޮތް،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މި ތިން މެޗަށް ނުކުންނައިރު ސިޓީ އަށް އެންމެ މުހިއްމު ރޯލެއް އަދާކޮށްދޭނެ ފަރާތަކީ ސަޕޯޓަރުން ކަމަށާއި ބޭނުންވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ދެއްކި ތަފާތު ތަކުރާރުކުރުމަށް ކަމަށެވެ.

ޓޮޓެންހަމްގެ އެއް ވަނަ ފޯވާޑް ހެރީ ކޭން އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުރި ނަމަވެސް އެ ޓީމުގައި ތަފާތު ދެއްކޭނެ ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި ސިޓީ އަށް ފަސޭހަކޮށްލެވޭނެ އެއްވެސް ފުރުސަތެއް ނެތްކަން ގާޑިއޯލާ ފާހަގަކުރި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.