ރޮނާލްޑޯއާ އެކު ވެސް ޔުވެންޓަސްގެ އުއްމީދު ފެނަށް

ޓިއުރިން (އޭޕްރިލް 17) – މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒުކޮށް 100 މިލިއަން ޔޫރޯ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސް ޓީމު ވަރުގަދަކުރި ޔުވެންޓަސް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން ރޭ އަޔަކްސް އަތުން 2-1 އިން ބަލިވެ ކަޓައިފި އެވެ.


މިއާ އެކު 1996 ގެ ފަހުން މުބާރަތް ކާމިޔާބުކުރުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތުގައި އަނެއްކާ ވެސް މިވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފަ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ފަސް ފަހަރު ފައިނަލުން ބަލިވެފަ އެވެ. އެކަމަކު މިދިޔަ ފަސް އަހަރު ތެރޭ ހަތަރު ފަހަރު ރެއާލް މެޑްރިޑާ އެކު ތަށި އުފުލާލި ރޮނާލްޑޯ ގެނުމާ އެކު މި ސީޒަނާ މެދު އޮތީ އުއްމީދު ބޮޑުވެފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޮނާލްޑޯ 28 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ. އެކަމަކު އަޔަކްސްގެ ޑޮނީ ވެން ޑު ބީކް އާއި މެތިއަސް ޑި ލައިޓްގެ ގޯލްތަކާ އެކު އެ ޓީމުން ފަހަތުން އަރައި މޮޅުވީ އެވެ. ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން އަޔަކްސް އަށް ކުރި ލިބުނީ 3-2 އިންނެވެ.

މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އަޔަކްސް އިން ޒުވާން ސްކޮޑަކާ އެކު މި ފަހަރުގެ މުބާރާތާ ކުރިމަތިލައި ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެ ވަނަ ބުރުން މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެވެ.

އަޔަކްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ބުނީ މިއީ އަޔަކްސް އަށް ހައްގު ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ ޔުވެންޓަސް އިން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު އަޔަކްސް އިން އެއްވަރުވުމާ އެކު ހާސްވީ ކަމަށެވެ. އަދި ދެ ވަނަ ހާފުގައި ޔުވެންޓަސް އިން އަމިއްލަ ގޭމް ނުކުޅެ މެޗު ހުޅުވާލީ ކަމަށާއި ލިބުނީ އޭގެ އަދަބު ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުވެންޓަސް އިން މެޗަށް ނުކުތީ އަނިޔާގެ މައްސަލަތަކާ އެކު ވެސް މެ އެވެ. އެގޮތުން މުހިއްމު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އާއި މާރިއޯ މަންޒުކިޗާއި ޑަގްލަސް ކޮސްޓާ އާއި މާޓިން ސަސެރެސް އަނިޔާގައި ތިބިއިރު މެޗުގެ ތެރެއިން ޕައޮލޯ ޑީބަލާ އަށް އަނިޔާވީ އެވެ.

"ކުއާޓާ ފައިނަލަށް ދެވުނީމާ، ބެންޗުގައި ވީހާ ވެސް ގިނަ އޮޕްޝަންތަކެއް ހުރުން މުހިއްމު. ސަބަބަކީ މިފަދަ މެޗުތަކުގައި ތަފާތު ގެނެވޭނީ ބަދަލު ކުޅުންތެރިންނާ އެކު ކަމަށްވާތީ،" އެލެގްރީ ބުންޏެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ޔުވެންޓަސް ބަލިވެފައި އޮއްވާ ނަތީޖާ އަނބުރާލީ ދެ ވަނަ ލެގުގައި ރޮނާލްޑޯ ހެދި ހެޓްރިކުންނެވެ. އެލެގްރީ ބުނީ ރޮނާލްޑޯ ވަރަށް އެހީވެދިން ކަމަށާއި އެކަމަކު ވަކި ހިސާބަކުން މުޅި ޓީމުގެ ބޭނުން ޖެހޭނެ ކަމަށެވެ.

މި ނަތީޖާއާ އެކު އެލެގްރީގެ މުސްތަގުބަލާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އޭނާ ބުނީ މީގެ ދުވަސްކޮޅެއް ކުރިން ކްލަބުގެ ރައީސާ ވާހަކަދައްކައި މަޑުކުރާނެ ކަމަށް ބުނި ކަމަށާއި އެކަމަކު ކުރިމަގާ މެދު ގޮތެއް ވިސްނަން އަލުން އިށީންނާނެ ކަމަށް ބުންޏެވެ.