އޮލިވާ ހާން އަށް ބަޔާނުން ހާއްސަ މަގާމެއް ދެނީ

މިއުނިކް (އޭޕްރީލް 17) - ކުރީގެ އެއް ވަނަ ގޯލްކީޕަރު އޮލިވާ ހާން އަށް ބަޔާން މިއުނިކްގެ ބޯޑު މެމްބަރުކަން ދޭން ނިންމާފައިވާ ކަމަށް ބަޔާނުގެ ރައީސް އުލީ ހޮއެނެސް ވިދާޅުވެއްޖެ އެވެ.


ބަޔާނުން ނިންމާފައިވަނީ އެ ޓީމަށް ކުރިން ކުޅުނު ކީޕަރު ހާން އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކްލަބްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އަދި މިހާރު ބަޔާންގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް-ހެއިންޒް ރުމެނިގާގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވުމުން އޭނާގެ މަގާމަށް ހާން ހަަމަޖެއްސުމަށެވެ.

ހޮއެނެސް ވިދާޅުވީ ހާން އެންމެ ފުރަތަމަ ބޯޑު މެމްބަރެއްގެ ގޮތުގައި ގެންނަނީ ރުމެނިގާގެ ފަހު އަހަރުގައި އޭނާގެ ފަރާތުން ކަންތައްތަކެއް ހާން އަށް ދަސްކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

"ހާންއާ އެކު ބޭއްވުނު މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް. މިހާރު އޮތްގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ހާން ހުންނާނީ ކްލަބްގެ ހާއްސަ މަގާމެއްގައި،" ޖަރުމަނުގެ އެޖެންސީ ޑީޕީއޭ އަށް ދިން އިންޓަވިއުއެއްގައި ހޮއެނެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންތައްތައް އެންމެ ރަނގަޅު އުސޫލުގެ ތެރެއިން ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"މީގެ މައްސަލައެއް ދިމާވާނެ އެއްވެސް ސަބަބެއް ނެތް. އެއީ ރުމެނިގާގެ އެއްބަސްވުން އޮތީ 2021 ގެ ނިޔަލަށް. އެހެންވީމަ މި މުއްދަތުގެ ތެރޭގައި އޭނާ ދެން ހަވާލުވާނެ ޓީމެއް ވެސް ކަނޑައެޅޭނެ. އަދި މަގާމު ބަދަލުވުމުގެ ކަންތައްތައް އަވަސްކުރުމާއި ލަސްކުރުމުގެ އިހުތިޔާރުވެސް އޭނާ އަށް އޮންނާނެ،" ހޮއެނެސް ވިދާޅުވި އެވެ.

ހާން ވަނީ ބަޔާނާ އެކު އަށް ފަހަރު ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ކްލަބްގެ ތާރީހުގައި ކުޅުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ހާން ވަނީ އެ ޓީމަށް 632 މެޗު ކުޅެފަ އެވެ. ޖަރުމަނު ގައުމީ ޓީމަށް ވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ހާން ރިޓަޔަކުރީ 2008 ވަނަ އަހަރު އެވެ.

ހޮއެނޭސް ވިދާޅުވީ ހާން ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާ އަކީ އިހުތިރާމް ލިބިފައިވާ ބަޔާނުގެ މީހަކަށް ވުމުގެ އިތުރުން ފުޓްބޯޅަ އަށް ހިދުމަތްކުރަން ބޭނުންވާ ފަރާތަކަށްވުމުންނެވެ.

"އަހަންނަށް ވަރަށް ކަމުދޭ ހާން ކުޅުން ހުއްޓާލުމަށް ފަހު ދިރިއުޅެމުންދާ ގޮތް. އޭނާ އަކީ ވަރަށް މޮޅު ޓީވީ އެނަލިސްޓް/ޕަންޑިޓް އެއް. އޭނާ އަކީ އަމިއްލަ ވިޔަފާރިއެއް ކުރަމުން އަންނަ މީހެއް. އޭނާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މަތީ ފާހެއް ނަގައިގެން ހުރި މީހެއް،" ހޮއެނެސް ވިދާޅުވި އެވެ.

ހާން އަށް ހާއްސަ މަގާމެއް ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިން ވަނީ ހިޔާލުފާޅުކޮށްފަ އެވެ. ހާންއާ އެކު ބަޔާނަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު ހަސަން ސަލިހަމްޑްޒިޗަކީ މިހާރު ބަޔާނުގެ ސްޕޯޓިން ޑިރެކްޓަރެވެ. އޭނާ ވެސް ވަނީ ހާން ޓީމާ ގުޅުމަކީ ކްލަބަށް ލިބޭނެ އިތުރު ފުރިހަމަކަމެއް ކަމުގައި ބުނެފަ އެވެ.