ޕީއެސްޖީ އަށް ތިން ވަނަ ފަހަރު ވެސް ނާކާމިޔާބު

ޕެރިސް (އޭޕްރީލް 18) - ފްރެންޗް ލީގުގައި ރޭ ރަށުންބޭރުގައި ނޯންޓްސް އަތުން 3-2 އިން ބަލިވެ ލީގު ކަށަވަރުކުރަން ލިބުނު ތިން ވަނަ ފުރުސަތު ވެސް ޕީއެސްޖީން ނަގާލައިފި އެވެ.


މޮޅެއް ހޯދައިގެން ލީގު ކަށަވަރުކުރަން ޕީއެސްޖީ އެންމެ ފުރަތަމަ ނުކުތީ ސްޓްރަސްބޯގާ ދެކޮޅަށެވެ. އެ މެޗު 2-2 އިން އެއްވަރުވިއިރު، އޭގެ ފަހުން ބައްދަލުކުރީ ލިއްލޭއާ އެވެ. އެ ޓީމު އަތުން ޕީއެސްޖީ ވަނީ 5-1 އިން ބަލިވެފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ނުކުތީ ކުރިން ދެ މެޗުގެ ނަތީޖާ ހަނދާން ނައްތާލައި މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ޑެނިއަލް އަލްވޭސް އެވެ.

ޕީއެސްޖީން ފުރަތަމަ ލަނޑު ޖެހި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު ނޯންޓްސް އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމަށް މެޗުގެ 22 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޑިއޭގޯ ކާލޮސް އެވެ. އެ ޓީމަށް މެޗުގެ 44 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ މަޖީދު ވާރިސް އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ކާލޮސް ވަނީ އިތުރު ލަނޑެއް ޖަހައިދީ ނޯންޓްސްގެ ލީޑުފުޅާކޮށްފަ އެވެ.

ޕީއެސްޖީގެ އެޓޭކުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ އެޑިސަން ކަވާނީ އާއި ކިލިއަން އެމްބާޕޭ އަދި ނޭމާ ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޒުވާން ފޯވާޑް މަޓެހަން ގުކްލޫ އެވެ.

އެންމެ ފަހުން ދެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ވަރަށް ބޮޑަށް އެ ޓީމުގެ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އަދި ރޭގެ މެޗުގައި ޕީއެސްޖީން ފިޓްކޮށް ހުރި އެމްބާޕޭ ނުލައި ކުޅުނު ސަބަބެއް އޮޅުންފިލުވުމަށް ނޫސްވެރިން ސުވާލުކުރުމުން ޓުޗެލް ބުނީ ޓީމުގެ މަސްލަހަތަށް ބަލާފައި ވަކި ނިންމުންތަކެއް ނިންމަން ފަސް ނުޖެހޭނެ ކަމަށެވެ.

"ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިން ޖެހޭނެ 100 ޕަސެންޓް ދޭން. މަސައްކަތް ކުރަން ޖެހޭނެ. އެކަމަކު އެކަން ނުކުރަންޏާ ޓީމަށް ބަދަލު އަންނާނެ،" ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

އަންނަ ސީޒަނަށް ރެއާލް މެޑްރިޑުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީ އަށް ފަހު މި ސީޒަން ނިމުމުން ޕީއެސްޖީން ޓުޗެލް ވަކިކުރުމުގެ ފުރުސަތު ބޮޑެވެ. ޕީއެސްޖީއާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ޑިސެމްބަރު މަހު ވަކިކުރި ހޯސޭ މޮރީނިއޯ އެވެ.