މެސީ އަށް ފާޑުކިޔަނީ ބޭއިންސާފުން: ސިމިއޯނީ

މެޑްރިޑް (އޭޕްރިލް 19) – އާޖެންޓީނާ އަށް ކާމިޔާބު ހޯދައިނުދެވޭތީ ލިއޮނަލް މެސީ އަށް ފާޑުކިޔުމަކީ ބޭއިންސާފުން ކުރާ ކަމެއް އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ އަދި އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.


ބާސެލޯނާއާ އެކު ޔޫރަޕް ފުޓްބޯޅައިގެ ހުރިހާ ކާމިޔާބަކާ އިންޑިވިޖުއަލް އެތައް ކާމިޔާބެއް ހޯދާފައިވާ މެސީ އަށް އާޖެންޓީނާއާ އެކު ތަށްޓެއް ހޯދިފައެއް ނުވެ އެވެ. ވޯލްޑް ކަޕާއި ކޮޕާ އެމެރިކާގައި ވެސް ލިބެނީ ނާކާމިޔާބެވެ. އޭނާ ދެ ފަހަރެއްގެ މަތިން ގައުމީ ޓީމާ ދުރަށް ދިޔަ ނަމަވެސް މި އަހަރުގެ ކޮޕާ އެމެރިކާގައި ކުޅެން އަލުން ވަނީ ގުޅިފަ އެވެ.

'މެސީ ދިޔަ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމާ ވަރަށް ގާތަށް. އޭނާ އަށް އެ މުބާރާތް ކާމިޔާބުނުކުރެވުނީ ނަސީބު ދެރަވެގެން. ބައެއް މީހުން އަބަދާ އަބަދު އޭނާ އަށް ފާޑުކިޔާ. އެކަމަކު މެސީ އަކީ އާދަޔާހިލާފު ހުނަރުވެރިއެއް. ކިތައް ބެލޮންޑިއޯ އެވޯޑް އޭނާ ހޯދައިދި. އޭނާ ނެތި (ބާސެލޯނާ) އެގޮތުގައި ނުފެންނާނެ،" ސިމިއޯނީ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގެ ކާމިޔާބީތައް އާޖެންޓީނާއާ އެކު މެސީ އަށް ނުހޯދެނީ ކީއްވެތޯ އެތައް ބަޔަކު ސުވާލު އުފައްދާ ކަމަށާއި އޭގެ ޖަވާބު ވަރަށް ފަސޭހަ ކަމަށެވެ.

'ބާސެލޯނާގައި އެބަތިބި ބައެއް ކުޅުންތެރިން އަދި ޓީމެއް އޭނާ އަށް ސަޕޯޓްދޭ. އެކަމަކު އާޖެންޓީނާގައި އެފަދަ ކުޅުންތެރިންތަކެއް ނެތް. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޕޯޗުގަލްގައި ވެސް ވަނީ އެހެން. ސަބަބަކީ ޕޯޗުގަލަކީ ޔުވެންޓަސް ނުވަތަ ރެއާލް މެޑްރިޑް ފަދަ ޓީމަކަށް ނުވުން،" ސިމިއޯނީ ބުންޏެވެ.