ޕީއެސްޖީން ލީގު ކާމިޔާބުކުރިއިރު، ނޭމާ އެނބުރި އަތުވެއްޖެ

ޕެރިސް (އޭޕްރިލް 22) – ކީލިއަން އެމްބާޕޭގެ ހެޓްރިކުން މޮނާކޯ 3-1 އިން ބަލިކޮށް ޕީއެސްޖީ ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުފާފާޅުކޮށްފި އެވެ.


ޖުމްލަ 33 މެޗުން 84 ޕޮއިންޓް ހޯދާފައިވާ ޕީއެސްޖީ އަށް މި މެޗަށް ނުކުތުމުގެ ކުރިން ތަށި ޔަގީންވީ، 65 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ލިލް އިން ކުޅުނު މެޗުން ޓުލޫސްއާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

އެހެންވެ މޮނާކޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ޕީއެސްޖީ ނުކުތީ ޕްރެޝަރެއް ނެތި އެވެ. ޒުވާން ކުޅުންތެރިޔާ އެމްބާޕޭގެ ހެޓްރިކާ އެކު ދެން ލިބުނު އުފަލަކީ ޖެނުއަރީގައި އަނިޔާވި ބްރެޒިލް ސުޕަސްޓާރު ނޭމާ ފިޓްވެގެން އައިސް ކުޅުމެވެ. އޭނާ ވަނީ ދެ ވަނަ ހާފު އެއްކޮށް ކުޅެފަ އެވެ.

ހަތް އަހަރު ތެރޭ ހަ ވަނަ ފަހަރަށް ތަށި ހޯދުމުން އެމްބާޕޭއާ އެންމެ ބޮޑަށް ސުވާލުކުރެވުނީ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުންނެވެ. އެކަމަކު އޭނާ ވަނީ އަންނަ ސީޒަނުގައި ވެސް ޕެރިހުގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން މިތަނުގައި މިހިރީ. އަހަރެން މިހިރީ މި ޕްރޮޖެކްޓާ އެކު ސޮއިކޮށްގެން،" ލީގުގައި 30 ގޯލް ޖަހާފައިވާ ފޯވާޑް ބުންޏެވެ. "ސީޒަން އަދި ނުނިމޭ. އަހަރެން ބޭނުންވޭ އިތުރު ގޯލްތަކެއް ޖަހަން،"

ޕީއެސްޖީގެ ދެން އޮތް ޓާގެޓަކީ ފްރެންޗް ކަޕް ކާމިޔާބުކުރުމެވެ. ފައިނަލުގައި އަންނަ ހަފުތާގައި ބައްދަލުކުރާނީ ރޭނިސްއާ އެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން، މައި ޓާގެޓަށް ހެދި ނަމަވެސް ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ކެޓީ އެވެ.