ފަހު ވަގުތާ ޖެހެންދެން ލީގަށް ވާދަކުރާނަން: ކްލޮޕް

ލިވަޕޫލް (އޭޕްރީލް 26) - މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރުން ލިވަޕޫލުން ހުއްޓާލާނީ ހުރިހާ ދޮރެއް ބަންދުވުމުން ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ތިބޭނީ ވާދަކުރުމުގެ ރޫހުގައި ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ،


ނަވާވީސް އަހަރުތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދުމަށް މަސައްކަތްކުރާ ލިވަޕޫލް މި ވަގުތު ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ސިޓީ އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިފައިވާތީ އެވެ. ސިޓީ އަށް 35 މެޗުން 89 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލްގެ އޮތީ 35 މެޗުން 88 ޕޮއިންޓެވެ. ލިވަޕޫލަށް ލީގު ލިބޭނީ ލީގުގައި ބާކީ އޮތް ތިން މެޗުގެ ތެރެއިން ސިޓީ އަށް ޕޮއިންޓް ގެއްލި ލިވަޕޫލް ކުޅޭ މެޗުތަކުން މޮޅުވެގެންނެވެ.

"މިކަން ނިމޭނީ ހުރިހާ ދޮރެއް ބަންދުވީމަ. ފުޓްބޯޅައިގައި އަހަރެން ގަބޫލުކުރާ ގޮތެއް ނޫން ވާދަކުރުން ހުއްޓާލުމަކީ. ދިރިއުޅުމަކީ ވެސް ރޭހެއް. ލިވަޕޫލުން ފަހަތަކަށް ނުޖެހޭނެ،" ލީގުގައި މިރޭ އަމިއްލަ ދަނޑުގައި، ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދާދި ފަހުން ބުނީ މި ފަހަރު ލީގުގައި ސިޓީ އާއި ލިވަޕޫލުން އަންނަނީ އާދަޔާހިލާފު ހިތްވަރެއް ދައްކަމުން ކަމަށާއި ލީގު ނުލިބޭ ޓީމަކަށް ވެސް އޮންނާނެ މާ ބޮޑު މާޔޫސްކަމެއް ނެތް ކަމަަށެވެ. އެއީ ދެ ޓީމުން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާތީ އެވެ. ގާޑިއޯލާގެ ވާހަކަތަކަށް ކްލޮޕް ވެސް އެއްބަސްވެ އެވެ.

"އެއީ ހަގީގަތް މިއީ ދެ ޓީމަށް ވެސް އުނދަގޫ ރޭހެއް. އެކަމަކު މީގެ ކާމިޔާބީ އަށް މަސައްކަތް ކުރުމުގެ އުސޫލަކީ ލިބޭނެ އުއްމީދު ދޫކޮށްނުލުން. މި ފަހަރު ނުލިބުނަސް މި ނިމުނީ އެއް ނޫން. މި ޓީމަކީ ކުރިއަރަމުން އަންނަ ޓީމެއް،" ކްލޮޕް ބުންޏެވެ.

ސިޓީގައި މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ތާރީހުގައި ކުޅުނު އެންމެ މޮޅު އެއް ޓީމު ކަމަށް ގިނަ ބަޔަކު ބުނާއިރު، ކްލޮޕްގެ ނަޒަރުގައި އެ ފަދަ ޓީމަކާ ވާދަކުރުމަކީ ވެސް ފަސޭހަަކަމެއް ނޫނެވެ.

"ސިޓީގެ ތަފާތު އެ މީހުން އެބަ ދައްކާ. އެ ފަދަ ޓީމަކާ އެއް ރޭހުގައި އޮތުމަކީ ފަސޭހަކަމެއް ނޫން. ވަރަށް ޕްރޮފެޝަނަލް ޑިސިޕްލިން އެއް ދައްކައިގެން ކުރެވޭނެ ކަމެއް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް އަމިއްލަ ދަނޑުގައި އެންމެ ފަހުން ލީގު މެޗަކުން ބަލިވީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ކްރިސްޓަލް ޕެލަސް އަތުންނެވެ. މިރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.