ބަޔާނަށް ފުރުސަތުގެ ބޭނުން ނުހިފުނު

މިއުނިކް (އޭޕްރީލް 29) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ނިއުރެންބާގާ 1-1 އިން އެއްވަރުވެ ލީގުގެ އެއް ވަނައިގައި ލީޑުނަގަން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ގެއްލިއްޖެ އެވެ.


ހޮނިހިރު ދުވަހުގެރޭ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ ޝާލްކާ އަތުން 4-2 އިން ބަލިވެފަ އެވެ. އެހެން ކަމުން ބަޔާނަށް ރޭގެ މެޗުން މޮޅުވެގެން ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ރޭގެ މެޗުން އެއްވަރުވުމުން ބަޔާނުގެ އޮތީ ދެ ޕޮއިންޓުގެ ލީޑެކެވެ. ކޮންމެ ޓީމެއް 31 މެޗު ކުޅެފައިވާއިރު ބަޔާން އެއް ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.

އަށާރަ ޓީމު ވާދަކުރާ ޖަރުމަނު ލީގުގެ 17 ވަނައިގައި އޮތް ނިއުރެންބާގަށް ރޭގެ މެޗުގެ 18 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ކޯސްޓާ ޕެރޭރާ އެވެ. އެޑުއާޑް ލޯވެސް ފޮނުވާލި ބޯޅަ ބަޔާން ކީޕަރު ސްވެން އުލްރިއޭ އަތުގައި ޖެހިފައި ލިބުނު ބޯޅަ ޕެރޭރާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ބަޔާނުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. ބަޔާނުގެ ލަނޑު ކާމިޔާބުކުރީ ކުރިން އާސެނަލަށް ކުޅުނު ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ އެވެ. ކިންގްސްލީ ކޯމަން ނަގައިިދިން ހުރަހަކުން ގްނަބްރީ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބާކީ ތިން މެޗު އޮތްއިރު އެންމެ ފަހުން މެޗުން ބަލިވުމުން ޑޯޓްމަންޑްގެ ކޯޗު ލޫޗިއަން ފާވްރޭ ވަނީ އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފަ އެވެ. އެކަމަކު ރޭގެ މެޗުގެ ނަތީޖާ ނުކުތް ގޮތުން ޑޯޓްމަންޑަށް އަދިވެސް ފުރުސަތު އެބައޮތެވެ. އަދި ބަޔާން ކޯޗު ނިކޯ ކޮވަޗް ވެސް ބުނީ ލީގުގެ ޔަގީންކަން އޭނާގެ ޓީމަށް އަދި ނެތް ކަމަށެވެ.

"މި ލީގު މިހާރު ދާ ގޮތުން އެއްވެސް ބަޔަކަށް ޔަގީންކަމެއް ނެތް. މި މެޗުގައި އަހަރެމެންނަކީ ފޭވަރިޓުން. އެކަމަކު ނިއުރެންބާގް ނުކުތީ ހުރިހާ ގޮތަކަށް ތައްޔާރުވެގެން. ލީގުގެ ޔަގީންކަން އެއްވެސް ޓީމަކަށް ނެތް،" ކޮވަޗް ބުންޏެވެ.