އޮރީގީ ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ނިއުކާސަލް (މެއި 5) - މެޗުގެ ފަހު ވަގުތު ޑިވޮކް އޮރީގީ ވައްދާލި ލަނޑުން 3-2 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ލިވަޕޫލް ޖެހިލައިފި އެވެ.


މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 37 މެޗުން 94 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 36 މެޗުން ލިބިފައިވަނީ 92 ޕޮއިންޓެވެ. ލީގުގައި މާދަމާރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީ އަށް އަލުން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. އެއާ އެކު ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ކަނޑައެޅޭނީ އަންނަ ހަފްތާގައި ކުޅޭ މެޗުތަކުންނެވެ.

ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ މި ސީޒަނުގައި ޕީއެފްއޭ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ ވާޖިލް ވެން ޑައިކް އެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ކޯނަރަކުން ވެން ޑައިކް މި ގޯލު ޖެހީ ބޮލުންނެވެ. ލިވަޕޫލަށް ލީޑުހިފަހައްޓާލެވުނީ ހަތް މިނިޓް ވަންދެނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ނިއުކާސަލްގެ ކްރިސްޓިއަން އަޓްސޫ ވަނީ ނަތީޖާ ހަަމަހަމަކޮށްދީފަ އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގައި ކުޅޭ ނިއުކާސަލުން ލީޑުނެގުމާ ގާތަށް ޖެހިލި ނަމަވެސް އަޔޯޒޭ ޕެރޭޒް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނިޓްގައި އާނޯލްޑް ނަގައިދިން ހުރަހަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ނިއުކާސަލް އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ވެނެޒުއޭލާގެ ފޯވާޑް ސޮލޮމަން ރޮންޑޮން އެވެ. އޭރިއާތެރެއިން ރޮންޑޮން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އަނިޔާގެ ސަބަބުން ރޮބާޓޯ ފިރްމީނޯ ނުލައި ކުޅުނު ލިވަޕޫލަށް މި މެޗުގައި އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 74 ވަނަ މިނިޓްގައި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސަލާހު ބަދަލުކުރަން ޖެހުމެވެ. ސަލާހުގެ ބަދަލުގައި އެރީ އޮރީގީ އެވެ. ލިވަޕޫލަށް މި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު އޮރީގީ ކާމިޔާބުކުރީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗު ފެށިގެން ނިމެންދެން ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި ތިން ޕޮއިންޓް ލިބުނީ ފަހު ވަގުތާ ޖެހެންދެން ހިތްވަރާ އެކު ދެއްކި ކުޅުމުން ކަމަށެވެ. އަދި އޮރީގީ އަކީ މި ސީޒަނުގައި ލިވަޕޫލްގެ މުހިއްމު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދެމުން އަންނަ ކަމަށް ކްލޮޕް ބުންޏެވެ.

ނިއުކާސަލްގެ ކޯޗު ބެނިޓޭޒް ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ލީޑެއް ނުލިބުން ކަމަށެވެ. ނިއުކާސަލުން ކުރި ހިތްވަރާ ބަލާއިރު ޕޮއިންޓެއް ހައްގުވާ ކަމަށާއި އެހެން ނަމަވެސް އެ ޓީމުން ހެދި ގޯސްތަކުގެ ސަބަބުން އެކަން ހާސިލްނުވީ ކަމަށް ބުންޏެވެ.

ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ބޯންމައުތު އަތުން 1-0 އިން ބަލިވެފަ އެވެ. ހުއާން ފޮއިތާއި ސޮން ހެއުން މިން އަށް ރަތް ކާޑު ދެއްކުމުން ޓޮޓެންހަމް މި މެޗުގެ ދެ ވަނަ ހާފްގައި ކުޅުނީ ނުވަ ކުޅުންތެރިންނާ އެކު އެވެ. ބޯންމައުތު މޮޅުކޮށްދިން ގޯލު ނޭތަން އަކޭ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ.

ލީގުގެ ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމަން އެންމެ ފަހު މެޗުގައި އެވަޓަން އަތުން މޮޅުވަން ޓޮޓެންހަމަށް ވަނީ މަޖުބޫރުވެފަ އެވެ. ޓޮޓެންހަމް މި ވަގުތު ތިން ވަނައިގައި އޮތީ 37 މެޗުން 70 ޕޮއިންޓް ހަމަކޮށްގެންނެވެ. މިރޭ ޗެލްސީ ކުޅޭ މެޗުން ވަޓްފޯޑް އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަނަ ލިބޭނެ އެވެ.

ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-2 އިން ބަލިވެ ކާޑިފް ސިޓީ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ. ކާޑިފްގެ އިތުރުން މި ފަހަރު ރެލިގޭޓްވި އަނެއް ދެ ޓީމަކީ ހަޑްސްފީލްޑް ޓައުން އާއި ފުލަމް އެވެ.