ސެލްޓާ އިން ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފި

މެޑްރިޑް (މެއި 5) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި 2-0 އިން ސެލްޓަ ވިގޯ އަތުން ބަލިވެއްޖެ އެވެ.


ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތުމުން ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެ ގޮތުން ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިން ރޭގެ މެޗުގައި ނުކުޅެ އެވެ. ލިވަޕޫލާ އަތުން ފުރަތަމަ ލެގުގައި މޮޅުވި މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނު ހަމައެކަނި ކުޅުންތެރިއަކީ އާޓޫރޯ ވިޑާލް އެވެ. އޭނާ ވެސް އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން އެސްޕަންޔޯލް އަތުން 3-0 އިން ބަލިވިއިރު، އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސެލްޓަ އިން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. މި ހާފްގެ ކުރީކޮޅުގައި ސެލްޓަ އިން ޖެހި ގޯލެއް ރެފްރީ ގަބޫލެއް ނުކުރި އެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

ސެލްޓަގެ ފުރަތަމަ ގޯލު މެޗުގެ 67 ވަނަ މިނިޓްގައި ކާމިޔާބުކުރި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މެކްސީ ގޯމޭޒް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ސެލްޓަގެ ދެ ވަނަ ގޯލު ޖެހީ އިއާގޯ އަސްޕާސް އެވެ. އަސްޕާސް މި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

މި މެޗުން ސެލްޓާ އަށް ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެފަ އެވެ. ސެލްޓަ މި ވަގުތު ލީގުގެ 14 ވަނައިގައި އޮތީ 36 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ 18 ވަނައިގައި އޮތް ރެއާލް ވަލޮޑޮލިޑަށް 36 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އަށް އަނިޔާވެފައިވާއިރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވުމުގެ ފުރުސަތު ކުޑަކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ބުނެފަ އެވެ.