ރޯމާ އާއި ޕީއެސްޖީން މޮރީނިއޯ އަށް ޝައުގުވެރިވޭ

ލަންޑަން (މެއި 5) - މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ހޯދަން އިޓަލީގެ ރޯމާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. ރެއާލް މެޑްރިޑާ މޮރީނިއޯ ހަވާލުވާން އުޅޭކަމުގެ އަޑުތައް ފެތުރިފައި އޮއްވައި އެ ޓީމުން އަލުން ކުރީގެ ކޯޗު ޒިނެދިން ޒިދާން ގެނައީ މޮރީނިއޯ ގެންނަން ކުޅުންތެރިން ދެކޮޅު ހެދުމުންނެވެ. މޮރީނިއޯގެ ކުރީގެ ކޯޗު ބެންފީކާ އިން ވެސް ވަނީ އޭނާ އަށް ވަޒީފާ ހުށަހަޅައިފަ އެވެ.

އޭއެފްޕީ އަށް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާ ދެން ހަވާލުވާ ޓީމެއް ނިންމާނީ ވަރަށް ވިސްނުމަށް ފަހު ކަމަށާއި ދެން ހަވާލުވާ ޓީމަކާ އެކު އެންމެ ބޮޑު އަމާޒަކަށްވާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ.

މޮރީނިއޯ ވަނީ ދާދި ފަހުން ފްރެންޗް ލީގުގެ ގިނަ މެޗުތަކެއް ބަލަން ގޮސްފަ އެވެ. މީގެ ކުރިން ފްރެންޗް ލީގުގައި މަސައްކަތް ކޮށްފައިނުވާ މޮރީނިއޯ އޭރު ބުނީ އޭނާ އަކީ ތަފާތު ޗެލެންޖްތަަކަށް މަރުހަބާކިޔާ މީހެއް ކަމަށާއި ފްރާންސްގައި ވެސް މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ހާއްސަ އަމާޒެއްގައި ނުކުތް ޕީއެސްޖީ އަށް މި ފަހަރު ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. އަދި ފަހަކަށް އައިސް ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު މެޗުތަކުގެ ނަތީޖާ ވެސް ވަނީ ދަށްވެފަ އެވެ. ފްރެންޗް ލީގު ކަޕް ފައިނަލުގައި ރެނެސް އަތުން ވެސް ޕީއެސްޖީ ބަލިވިއިރު، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޔޫރަޕްގެ މުބާރާތްތަކުގައި ޕީއެސްޖީ އަށް ނަތީޖާ ނުނެރެވޭތީ އެ ކްލަބްގެ ބޯޑު މެމްބަރުންގެ މެދުގައިވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ގިނަ ބޯޑު މެމްބަރުން ކްލަބާ ވަކިވާން ނިންމާފައިވާއިރު، ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވަނީ ކްލަބަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ޓުޗެލް ވަކިކޮށް މޮރީނިއޯ އަށް ޕީއެސްޖީގެ ކޯޗުކަން ހުށަހަޅަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ.

މިހާތަނަށް މަސައްކަތްކުރި ގައުމުތަކުން އޭނާ އަށް އެންމެ ރަނގަޅު ތަޖުރިބާއެއް ކުރެވުނީ އިޓަލީގައި ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. އަދި އަލުން އިޓަލީގައި މަސައްކަތްކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ކުރިން އިންޓަ މިލާނަށް ކޯޗުކޮށްދިން މޮރީނިއޯ ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ގެންދަން އިޓަލީގެ ރޯމާ އިން ވަނީ އޭނާ އަށް ތިން އަހަރުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެކަމަކު ރޯމާގެ ހުށަހެޅުމާ މެދު މޮރީނިއޯ ގޮތެއް ނިންމާނީ އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިއްޖެނަމަ އެވެ. އިޓަލީގެ ގަދަ ހަތަރަކަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިބޭއިރު، ރޯމާ މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.