ޗެލްސީން ޔަގީންކޮށްފި، އާސެނަލާއި ޔުނައިޓެޑް ފަހަތަށް

ލަންޑަން (މެއި 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ ނަތީޖާތަކަށް ފަހު ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވިއިރު، އާސެނަލަށް ފުރުސަތު ކުޑަވެ، މެންޗެސްޓާ ޔުނައިޓެޑް އަންނަ އަހަރު ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.


އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 3-0 އިން މޮޅުވި ޗެލްސީ އަށް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވީ އާސެނަލާއި ޔުނައިޓެޑް ކުޅުނު މެޗުތަކުން އެއްވަރުވުމުންނެވެ. ޔުނައިޓެޑް އެއްވަރުވީ ރަށުންބޭރުގައި ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުންއާ 1-1 އިންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް ވަނީ ރެލިގޭޝަނުން ސަލާމަތްވި ބްރައިޓަންއާ 1-1 އިން އެއްވަރުވެފަ އެވެ.

ބާކީ އެއް މެޗު އޮއްވައި ޗެލްސީން ގަދަ ހަތަރެއް ކަށަވަރުކުރީ 71 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމު ރޭ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 67 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ އޮތީ ހަނި ފުރުސަތެކެވެ. ޓޮޓެންހަމަށް ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރުކުރަން ބޭނުންވަނީ ފަހު މެޗުން ޕޮއިންޓެކެވެ. ޓޮޓެންހަމް ބަލިވި ނަމަވެސް އާސެނަލް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓޮޓެންހަމަށް ގަދަ ހަތަރެއް ލިބޭނެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި އެ ޓީމުން ތިން ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ރުބެން ލޮފްޓަސް-ޗީކް އާއި ޑޭވިޑް ލުއިޒް އަދި ގޮންޒާލޯ ހިގުއައިން އެވެ. ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރޭގެ މެޗުގައި އެޑެން ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުމަށް އަމިއްލަ ބާރު ލިބުނު ހިސާބުން ފެށިގެން މުޅި ޓީމުގެ އިތުބާރު ބޮޑުވި ކަމަށާއި އޭގެ ސަބަބުން ޓީމުގެ ކުޅުމަށް ވެސް ރަނގަޅު ބަދަލުތަކެއް އައި ކަމަށެވެ.

ހަޑްސްފީލްޑް މެޗުގެ ތެރެއިން ޔުނައިޓެޑްގެ ޕޮގްބާ (މ) ބޯޅަ ފޮނުވާލުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ހަޑްސްފީލްޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. ލީޑުފުޅާކުރަން ހުއާން މަޓާ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ހަޑްސްފީލްޑަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފްގައި އިސާކް އެމްބެންޒާ އެވެ. ޔުނައިޓެޑް މޮޅުކޮށްދޭން ޕައުލް ޕޮގްބާ ޖެހި ބޯޅައެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. ހަޑްސްފީލްޑް ދަނޑުގައި މިދިޔަ ސީޒަނުގައި ކުޅުނު މެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.

ހަ ވަނައިގައި 66 ޕޮއިންޓާ އެކު އޮތް ޔުނައިޓެޑް އަންނަ އަހަރުގައި ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ. އެ ޓީމުން ވަނީ 2017 ވަނަ އަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑުން މި ސީޒަނުގައި ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގަ ހައްގުނުވާ ކަމަށެވެ.

"އުއްމީދުކުރި ގޮތަކަށް ނޫން ކަންތައް ދިޔައީ. މިއީ ވެސް ފިލާވަޅެއް. މިއީ ޔުނައިޓެޑްގެ ފެންވަރެއް ނޫން. ގަދަ ހަތަރެއް ހައްގުވާ ވަރުގެ ކުޅުމެއް މުޅި ސީޒަނުގައި ޔުނައިޓެޑުގެ ފަރާތުން ނުފެނޭ. ކުރަން ހުރި މަސައްކަތް ވަރަށް ގިނަ،" ސޯލްޝެއާ ބުންޏެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ބްރައިޓަން އަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ތަޖުރިބާކާރު ފޯވާޑް ގްލެން މަރޭ އެވެ.

މި މެޗުގެ ނަތީޖާ މި ގޮތަށް ނުކުތުމުން އާސެނަލުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ދެން އިހުތިޔާރުކުރާނީ މި ފަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ވަނީ ބުނެފަ އެވެ. ސެވިއްޔާއާ އެކު ތިން ފަހަރު ޔޫރޮޕާ ލީގުގެ ތަށި އުފުލާލި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލް ވަނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިނުގެ ވެލެންސިއާ ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ތެރެއިން އާސެނަލްގެ އޮބާމަޔަން. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން އަތުގައި ކޮންޓްރޯލް އޮތް މެޗެއް މިއީ. އެކަަމަކު މުހިއްމީ ތިން ޕޮއިންޓް ހޯދުން. އެކަމެއް ނުވި. ދެން މިސްރާބު ހުރީ ޔޫރޮޕާ ލީގަށް، އެ މުބާރާތް ކާމިޔާބުކުރުން މުހިއްމު،" މިދިޔަ އަހަރު ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އާސެނަލުން ހޯދައިފިނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ފަސް ކްލަބް ވާދަކުރާނެ އެވެ. އެކަމަކު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ބޭރުން ނިންމާ ޓީމަކަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބޭނެ އެވެ.