ޓޮޓެންހަމަށް ފައިނަލުގެ ހުރިހާ ދޮރެއް ބަންދެއްނުވޭ: ޕޮޗެޓީނޯ

އަމްސްޓަޑަމް، ނެދަލެންޑްސް (މެއި 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ނެދަލެންޑްސްގެ އަޔަކްސް އަމްސްޓަޑަމާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޓޮޓެންހަމަށް ފައިނަލުގެ ހުރިހާ ދޮރެއް ބަންދުނުވާ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.


މިދިޔަ ހަފްތާގައި ޓޮޓެންހަމް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އަޔަކްސް ވަނީ 1-0 އިން މޮޅުވެފަ އެވެ. ޓޮޓެންހަމް ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި އެ ޓީމު އޮތްއިރު މިރޭ ރަށުންބޭރުގައި އަަޔަކްސް ބަލިކުރަން އޮތީ މަޖުބޫރުވެފަ އެވެ.

އަޔަކްސް އިން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ ހައިރާންކުރަނިވި ގޮތަަކަށް ނޮކްއައުޓް ބުރުން، އެންމެ ފަހު ތިން ފަަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ ގަދަބާރު ޔުވެންޓަސް ކަޓުވާލުމަށް ފަހު އެވެ. ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ ޓޮޓެންހަމުން ވެސް ސެމީ ފައިނަލަށް ކުރީ އުނދަގޫ ދަތުރެއް ކަމަށާއި ނަތީޖާ ނެރެން އޭނާގެ ޓީމަށް ވެސް އެނގޭނެ ކަމަށެވެ.

"ފުރަތަމަ ލެގުގައި ނެގެޓިވް ނަތީޖާއެއް ނުކުތީމަ އުނދަގޫވެފައި އޮތީ. އެކަމަކު މިއީ ނުވާނެ ކަމެއް ނޫން. މި ފަދަ ޗެލެންޖްތައް ނަގައިގެން ހީނުކުރާ ނަތީޖާ ނެރެގެން ޓީމުތައް ކުރިއަށްދަނީ. އަހަރެމެންގެ މޮޅު ކުޅުން ދައްކަން މި ތިބީ ވަރަށް ކެތްމަދުވެފައި،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޓޮޓެންހަމަށް އޮތް ހިތްހަމަޖެހުމަކީ ސަސްޕެންޝަނަށް ފަހު ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އަލުން ޓީމާ ގުޅުމުންނެވެ. އަދި ފުރަތަމަ ލެގުގައި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުނު ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވަޓޮންގަން މިރޭގެ މެޗުގައި ޕްރޮޓެކްޓިވް މާސްކެއް އަޅައިގެން ކުޅޭނެ ކަމަށް ބެލެވެ އެވެ.

ޕޮޗެޓީނޯ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި އޭނާ ނުފެނިދާނެ ކަމަށް ބުނެފަ އެވެ.

"(ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ) މިއީ ވަރަށް ރަނގަޅު ފުރުސަތެއް މި ޗެޕްޓަރު ނިންމާލާފައި ގެއަށްދާން. މިހާރު އޮތް ހާލަތުގައި ޓޮޓެންހަމް ގޮވައިގެން ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ އަހަރެންގެ މުސްތަގުބަލު އެހެން ގޮތަކަށް ބިނާކުރަން ވިސްނަންޖެހޭ. މީގެ ހަތަރު އަހަރު ކުރިން އަހަރެމެން ތިބީ ގަދަ ހަތަރަކާ ދެމެދު އޮތް ފަރަގު ކުޑަކުރަން އަމާޒުކޮށްގެން. މިހާރު މި އަމާޒުހިފަނީ ޗެމްޕިއަންސް ލީގުގެ ތަށްޓައް،" ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗު އެއްވަރުކޮށްލައިގެން ފައިނަލަށް ދެވެން އޮތް ނަމަވެސް އަޔަކްސްގެ ވިސްނުމަކީ މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ވަނީ ބުނެފަ އެވެ.

"ނެދަލެންޑްސްގެ ވަރަށް މަދު ބަޔަކު އުއްމީދުކުރީ މި ގައުމުގެ ޓީމަކަށް މި ހިސާބަށް އާދެވޭނެ ކަމަށް. އަހަރެމެން މި ތިބީ މި ކްލަބާއި ނެދަލެންޑްސް ފުޓްބޯޅައިގެ ކުރިމަގަށްޓަކައި މަސައްކަތްކުރަން. ކުރީގެ ލެޖެންޑުންގެ ލެގަސީގެ ދިރުން އަދިވެސް އެބައޮތް،" އަޔަކްސް އާއި ބާސެލޯނާގެ ލެޖެންޑް ޔޯހަން ކްރައިފަށް އިޝާރާތްކޮށް ޓެން ހާގް ބުންޏެވެ.

އަޔަކްސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނީ 1996 ވަނަ އަހަރު އެވެ. އެ ފަަހަރު އެ ޓީމުން ވަނީ މުބާރާތުގެ ތަށި ހަތަރު ވަނަ ފަހަރަށް ހޯދައިފަ އެވެ.

އަޔަކްސް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.