ބަޔާނުން ލޮޕެޓީގަށް ޝައުގުވެރިވެއްޖެ

މެޑްރިޑް (މެއި 8) – ބަޔާން މިއުނިކުގެ ކޯޗަކަށް އަންނަ ސީޒަނުގައި ހުލެން ލޮޕެޓީގް ގެނައުމަށްޓަކައި އޭނާއާ އެކު އެ ކްލަބުން ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޖަރުމަނުގެ ލީގުގެ އެއް ވަނައިގައި ބަޔާން އޮތް ނަމަވެސް ކޯޗު ނިކޯ ކޮވަޗްއާ މެނޭޖްމަންޓުން ހިތްހަމަނުޖެހެ އެވެ. ޔޫރަޕުގައި ނަތީޖާ ދަށްވުމާއި އޭނާ އެ ޓީމު ކުޅުވާ ސްޓައިލް ވެސް ކަމުނުދާ ކަމަށްވެ އެވެ.

އޭނާގެ ބަދަލުގައި ގެނައުމަށް ބަޔާނުން ޝައުގުވެރިވާ ކޯޗުންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިމެނެ އެވެ. އެކަމަކު މީގެ ތެރެއިން ކޮންޓޭ އަލުން އިޓަލީގެ ކްލަބަކާ ހަވާލުވާން ބޭނުންވާއިރު މޮރީނިއޯ ފެނުން ގާތީ ޕީއެސްޖީންނެވެ.

މިވަގުތު ވަޒީފާއެއް ނެތި ތިބި ކޯޗުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކަކީ ލޮޕެޓީގެވެ. އެގޮތުން ބަޔާނުގެ ޑިރެކްޓަރުން މެޑްރިޑަށް ގޮސް އޭނާއާ އެކު މަޝްވަރާތައްކޮށްފައިވާ ކަމަށްވެ އެވެ. ލޮޕެޓީގް ބަޔާނަށް ގެނައުމަށް އެޅޭނެ އެންމެ ބޮޑު އެއް ބާރަކީ، އޭނާގެ ކޯޗުކަމުގައި ސްޕެއިނުގެ ޔޫތު ޓީމުތަކަށް ކުޅުނު ތިއާގޯ އަލްކަންޓަރާ އެވެ.

ސްޕެއިނުގެ ޔޫތު ޓީމުތަކާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެ ޕޯޗުގަލްގެ ޕޯޓޯ އަށް ވެސް ކޯޗުކޮށްދިން ލޮޕެޓީގް ފާހަގަކުރެވުނީ 2016 ވަނަ އަހަރު ސްޕެއިނާ ހަވާލުވުމުންނެވެ. އޭނާ ރަނގަޅު ނަތީޖާތަކެއް ނެރެ ވޯލްޑް ކަޕަށް ފޭވަރިޓެއްގެ ގޮތުގައި ދިޔަ ނަމަވެސް، މުބާރާތް ފެށުމުގެ ކުރިން، ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުން ސްޕެއިނުން ވަކިކުރީ އެވެ. އެކަމަކު މެޑްރިޑާ އެކު ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން މިދިޔަ އޮކްޓޯބަރު މަހު އެ ކްލަބުން ވަކިކުރި އެވެ.