ޕީއެސްޖީން ބާކީވި ކުޅުންތެރިޔާ ޓޮޓެންހަމަށް ރަންގަނޑަކަށް

މީގެ ހަ އަހަރު ކުރިން ބްރެޒިލްގެ ސައޮ ޕޯލޯގައި ދައްކަމުން ދިޔަ މޮޅު ކުޅުމާ އެކު މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުގެ ލޮޮލުގައި ލޫކަސް މޯރާ އަޅައިގަތެވެ. އޭގެ ތެރެއިން ހާއްސަކޮށް ޔުނައިޓެޑުން އޭނާ ހޯދަން ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އޭރު ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހަވާލުވެ، ފައިސާގެ މަތީ އުދުހެމުން ދިޔަ ޕީއެސްޖީން އެ ޑީލް ހައިޖެކްކޮށް، އޭނާގެ ސޮއި ހޯދީ އެވެ.


ޕީއެސްޖީ އަށް ބަދަލުވެ ތަށިތައް ކާމިޔާބުކުރެވުނަސް، ލޫކަސް ދުނިިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއްގެ ގޮތުގައި މާބޮޑަށް ފާހަގައެއް ނުކުރެވުނެވެ. ލޫކަސް އަށް އިތުރު މައްސަލަތަކެއް ދިމާވީ ޕީއެސްޖީން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ގަތުމުން، އޭނާގެ ޖާގަ އެ ކްލަބުން ގެއްލުމުންނެވެ. މާޔޫސްވެފައި ހުއްޓާ މީގެ 18 މަސް ދުވަސް ކުރިން އޭނާ ހިތްހަމަޖެހުމެއް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އިން އޭނާ 29 މިލިއަން ޔޫރޯ އަށް ގަތުމުންނެވެ.

އޭގެ ބަދަލު އޭނާ ޓޮޓެންހަމް އަށް ދިނީ، އަޔަކްސް ކޮޅަށް ރޭ ހެދި ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފުރަތަމަ ފަހަަރަށް އެ ޓީމު ގެންގޮސްދީގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުން އަޔަކްސް 1-0 އިން މޮޅުވެ އަދި ރޭގެ ދެ ވަނަ ލެގުގައި ވެސް ދެ ލަނޑުގެ ލީޑެއް ނެގުމުން، އެ ޓީމަށް ފައިނަލް ކަށަވަރުވީ ކަމަށް ބެލެވުނެވެ. އެކަމަކު ލޫކަސް ވަނީ ހެޓްރިކެއް ހަދައި ޓޮޓެންހަމް އަށް ފުރުސަތު ހޯދައިދީފަ އެވެ.

މިއީ އޭނާ މިދިޔަ އަހަރު އެ ޓީމަށް ސޮއިކުރުމަށް ފަހު ދެއްކި ވާހަކަތަކަށް ސާބިތުކޮށްދޭން، އޭރުއްސުރެ ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެވެ. ލޫކަސް އޭރު ބުނީ އޭނާ ދެކޭ ގޮތުގައި ޓޮޓެންހަމް ވަރަށް ވަރަށް ވަރުގަދަ ކަމަށާއި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

"ކީއްވެ ޗެމްޕިއަންސް ލީގު ވެސް ނުހޯދޭންވީ؟،" އޭރު އޭނާ ސުވާލުކުރި އެވެ.

ލޫކަސް މޯރާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ކޯޗު މައުރީޒިއޯ ޕޮޗެޓީނޯ ރޮވިފައި ހުރެ ބުނީ އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ބަތަލުން ކަމަށާއި އެކަމަކު ލޫކަސް އަކީ "ސުޕަ ހީރޯ" އެއް ކަމަށެވެ. އޭނާ ހެދި ހެޓްރިކް ގަބޫލުކުރަން ދަތި ކަމަށާއި މިއީ އޭނާ އަށް ހައްގު ކާމިޔާބެއް ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

ލޫކަސްގެ ދެ ގޯލާ އެކު މެޗު އެއްވަރުވެ އެކަމަކު އެގްރިގޭޓުން އަޔަކްސް ކުރީގައި އޮއްވާ، ޓޮޓެންހަމް އަށް ފުރުސަތު ލިބުނީ މެޗުގެ އެންމެ ފަހު ސިކުންތުގައި ލޫކަސް ވައްދާލި ގޯލާ އެކު އެވެ. މެޗު ހާއްސަވީ ވެސް އެ ސަބަބާ ހުރެ އެވެ. އެންމެ ފަހު ވަގުތު ވެސް އޭނާ ދެއްކި ހިތްވަރުންނެވެ.

"އަހަރެމެންނަށް ހިޔާލަށް ވެސް ނުގެނެވޭނެ މިފަދަ ހިނދުކޮޅަތަކެއް ފުޓްބޯޅައިން ދޭ. އަހަރެމެން އެބަޖެހޭ މިކަން ފާހަގަކުރަން. މިއީ އަހަރެންގެ ހަޔާތުގައި، އަހަރެންގެ ކެރިއަރުގެ އެންމެ މުހިއްމު ވަގުތުކޮޅު،" ބްރެޒިލް ގައުމީ ޓީމަށް 35 މެޗު ކުޅެދީފައިވާ ލޫކަސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މޮޅާ އެކު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޓީމުގެ އެހެން ކުޅުންތެރިންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި އަދި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

"އަހަރެމެން ގައިގައި ހުރިއްޔާ ހުރި ހިތްވަރެއްލިން. މިއީ ހައްގު ކާމިޔާބެއް. އަހަރެމެންނަކީ އާއިލާއެއް. އަހަންނަށް މި އިހުސާސްތަކެއް ސިފަކޮޮށްނުދެވޭނެ. ލާހިކެއް ނޫން،" އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ރޭގެ ހެޓްރިކާ އެކު ލޫކަސް ހިމެނެނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ހެޓްރިކް ހެދި ފަސް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ އަލެސެންޑްރޯ ޑެލް ޕިއޭރޯ އާއި އިވިކާ އޮލިޗާއި ރޮބަޓް ލެވޮންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އޭނާ އެފަދަ ލިސްޓަކަށް އަރާނެ ކަމަށް އުއްމީދުކޮށްގެން ހުންނާނީ ޕީއެސްޖީއާ އެކު އެވެ. ސަބަބަކީ އެ ކްލަބުން އޭނާ އޭރު ގަތް އެންމެ ބޮޑު ސަބަބަކީ ޔޫރަޕުގެ ގަދަބާރަކަށް ވުމަށް ކަމަށްވާތީ އެވެ. އެކަމަކު ޕީއެސްޖީ އަށް އެ އުއްމީދު ފުރިހަމަނުވުމުން ޓީމު އިތުރަށް ވަރުގަދަކުރުމަށްޓަކައި ނޭމާ ގެންނަން ވެގެން ލޫކަސް ގުރުބާންކުރީ އެވެ. އޭނާ މިވަނީ ޓޮޓެންހަމުން ދިން ފުރުސަތުގެ ބޭނުން ހިފައި، ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގަި ދެވިފައި ނުވާ ޓޮޓެންހަމް ގެންގޮސްދީފަ އެވެ. އެކަނި މަސައްކަތުން އަނބުރާލި މެޗަކާ އެކު އެވެ.