ފައިނަލުގެ ޖާގައާ އެކު ޗެކަށް އުފަލުން ރޮވިއްޖެ

މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ އާސެނަލްގެ ތަޖުރިބާކާރު ޕެޓާ ޗެކް އަބަދުވެސް ބޭނުންވީ އޭނާގެ ފަހު މެޗު ފައިނަލަކަށް ވުމެވެ. ޔޫރޮޕާ ލީގުގެ ފައިނަލުން އާސެނަލް ފުރުސަތު ހޯދުމާ އެކު ޗެކްގެ އެ ހުވަފެން ހަގީގަތަކަށްވިއިރު، އޭނާ ހުރީ ބުނެދެންވެސް ނޭނގޭހާ އުފަލުންނެވެ. ފައިނަލުގައި އިދިކޮޅަށް ކުޅެން ޖެހެނީ އޭނާ އެންމެ ފުރަތަމަ ކުޅުނު އިނގިރޭސި ކްލަބް ކަމަށްވާ ޗެލްސީ އަށް ވުމަކީ ވެސް މި މެޗު ޗެކަށް ހާއްސަވާނެ އަނެއް ސަބަބެވެ.


"މިއީ އެއްވެސް ގޮތަކަށް އުއްމީދުކުރި ގޮތެއް ނޫން. މިއީ އާދަޔާހިލާފު މެޗެއް އަހަންނަށް. ޗެލްސީއާ ދެކޮޅަށް ކުޅެން މި ޖެހެނީ. އަހަންނަށް މިއީ ވަރަށް ޖަޒުބާތީ ކުރިމަތިލުމަކަށްވާނެ،" ރޮވިފައިހުރެ އުމުރުން 36 އަހަރުގެ ޗެކް އޭނާގެ އިހުސާސްތައް ސްކައިސްޕޯޓްސް އަށް ކިޔައިދިނެވެ.

"އެންމެ ފަހުގެ ހުވަފެނަކީ ޔޫރަޕްގެ ފައިނަލަކުން ކުޅުން ހުއްޓާލުން. އެ ހުވަފެން ފުރިހަމަކުރަން ބޭނުމީ ތަށްޓަކާ އެކު."

ޗެކް 2015 ވަނަ އަހަރު އާސެނަލާ ގުޅުނީ ޗެލްސީގައި 11 އަހަރު ހޭދަކުރުމަށް ފަހު އެވެ. ޗެކް ބުނީ ކެރިއަރުގައި އޭނާ ކުޅުން ހުއްޓާލުމަށް އެތަކެއް ފަހަރު މަތިން އެކި ކޯޗުން ވެސް ލަފާދިން ކަމަށާއި އެކަމަކު ބޭނުންވީ އަމިއްލަ ވިސްނުމުގައި އެކަން ނިންމުމަށް ކަމަށެވެ.

"އަހަންނަށް އަދިވެސް ދެ އަހަރު ކުޅެވިދާނެ. އެކަމަކު ބޭނުމީ ހަމަޖެހިގެން ކެރިއަރުގައި އިތުރު މިސްރާބަކަށް ދާން. މީގެ މުހިއްމީ އަމިއްލަ ވިސްނުމުގައި ގޮތެއް ނިންމުން،" ޗެކް ރިޕަބްލިކަށް 120 އަށް ވުރެން ގިނަ މެޗު ކުޅެދިން ޗެކް ބުންޏެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ، އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިން ޖަރުމަނުގެ ކީޕަރު ބާން ލެނޯ އަށް ފުރުސަތު ދިން ނަމަވެސް ޔޫރަޕްގެ މެޗުތަކުގައި ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރަނީ ޗެކްއާ އެވެ.

"ޔޫރަޕްގައި އޭނާ (ޗެކް)ގެ ތަޖުރިބާއާ ހުރިހާ ކަމެއް ވަރަށް މުހިއްމު. އެ ތަފާތު އޭނާ ދައްކާ،" ޗެކަށް ޓީމުން ފުރުސަތު ދޭ ސަބަބާ ބެހޭގޮތުން އެމެރީ ބުންޏެވެ.

ޗެކް ރިޕަބްލިކުގެ ކްލަބަކުން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ސްޕާޓާ ޕްރާގް އާއި ފްރާންސްގެ ރޭނިސް އަށް ވެސް ކުޅުމަށް ފަހު ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. އެ ޓީމާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. އާސެނަލާ އެކު ވެސް އެފްއޭ ކަޕެއް ކާމިޔާބުކުރި އެވެ.

މަތީ ފަންތީގައި 20 އަހަރު ކުޅުމަށް ފަހު ޗެކް ރިޓަޔާކުރާއިރު، ދެން އޭނާ ފެންނާނީ ކޯޗިންގެ ދާއިރާއިން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. ޗެކްގެ ފަހު މެޗު ކަމަށްވާ ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ މި މަހު 29 ވަަނަ ދުވަހު އެވެ.