ދުނިޔޭގެ އެއް ވަނައިގެ ޕްރެޝަރު މާ ބޮޑު: ނައޯމީ

މެޑްރިޑް (މެއި 10) - ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރާއިރު އޮންނަ ޕްރެޝަރު ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ކުޅުމަށް އަސަރުކުރާ ކަމަށް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއް ވަނައިގައި މި ވަގުތު އޮތް ޖަޕާނުގެ ނައޯމީ އޮސާކާ ބުނެފި އެވެ.


މި އަހަރު ޖެނުއަރީ މަހު ރޭންކިންގެ އެއް ވަނަ އަށް ޖެހިލި ނައޯމީ ވަނީ މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަންގެ ކުއާޓާ ފައިނަލުން ބެލިންދާ ބެންކިކް އަތުން ބަލިވެ ކަޓައިފަ އެވެ. މި މުބާރާތުގެ ސެމީން ޖާގަހޯދައިގެން ނައޯމީ އަށް ރޭންކިން އެއް ވަނަ ދެމެހެއްޓުމުގެ ފުރުސަތު އޮތެވެ. އެކަމަކު މުބާރާތުން ކެޓުމުން އޭނާ އަށް އެއް ވަނަ ގެއްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ކުރިން އެއް ވަނައިގައި އޮތް ރޮމޭނިއާގެ ސިމޯނާ ހަލެޕް މި މުބާރާތް ކާމިޔާބުކޮށްފިނަމަ ރޭންކިން އެއް ވަނަ އަށް އަރާނެ އެވެ.

ނައޯމީ ބުނީ މެޗުތަކަށް ތައްޔާރުވާއިރު ވެސް ވިސްނުމުގައި އޮތީ ރޭންކިން އެއް ވަަނައާ ގުޅޭ ކަންތައްތައް ކަމަށާއި އެހެންވުމުން އެންމެ ރަނގަޅަށް މެޗަށް ފޯކަސް ކުރަން އުނދަގޫވި ކަމަށެވެ.

"މީހުން އަހަންނާ ވާހަކަ ދައްކާއިރު ވެސް ދައްކަނީ ރޭންކިން އެއް ވަނައިގައި އޮވެވޭނެ ގޮތްތަކުގެ ވާހަކަ. އެހެންވެ އަހަރެންގެ ފޯކަސް ވެސް ހުންނަނީ ރޭންކިން އަށް،" އުމުރުން 21 އަހަރުގެ ނައޯމީ ބުންޏެވެ.

"މެޗު ކުޅެމުންދާއިރު ވެސް އަހަންނަށް ވިސްނެނީ ރޭންކިންއާ މެދު. މިއީ ހަގީގަތުގައި ކަންތައް ވާންޖެހޭ ގޮތެއް ނޫން. ދުނިޔޭގެ އެއް ވަނައިގައި މަގާމް ދެމެހެއްޓުމުގެ ޕްރެޝަރު ބޮޑު. އެކަމަކު ޕްރޮފެޝަނަލުން ޖެހޭނެ އަމިއްލަ އަށް އެކަމާ ކުރިމަތިލާން. މިއީ އަހަންނަށް މި ފަހަރު ލިބުނު ފިލާވަޅެއް."

ނައޯމީ ބުނީ ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާއިރު ރޭންކިންގެ ވާހަކަ ދެއްކުމުގެ ވިސްނުމެއް ދެން ނޯންނާނެ ކަމަށާއި ފޯކަސް އަބަދުވެސް އޮންނާނީ އެ އިރެއްގައި ވާދަކުރާ މުބާރާތެއްގެ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

އެމެރިކާގެ ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޓޯނީ ޓްރެބާޓް ބުނީ ނައޯމީ އަކީ އަދި ޒުވާން ކުޅުންތެރިއެއް ކަމަށާއި މި ފަދަ ކަންކަމަކީ އޭނާ ރަނގަޅު ކެރިއަރެއް ބިނާކުރާއިރު ދަސްކުރަން ޖެހޭނެ ފިލާވަޅުތަކެއް ކަމަށެވެ.