ގުދުސްގައި މެޗު ނުކުޅެން އެތުލެޓިކޯގެ ކިބައިން ފަލަސްތީނުން އެދިއްޖެ

ގުދުސް، ފަލަސްތީން (މެއި 11) - އިޒްރޭލުގެ ބެއިތާރު ފުޓްބޯލް ކްލަބާ ދެކޮޅަށް ގުދުސްގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މެޗު ނުކުޅެން ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިއްޖެ އެވެ.


އެތުލެޓިކޯ ސީޒަން ނިންމާލުމުގެ ގޮތުން އިޒްރޭލުގެ ކްލަބް ބެއިތާރާ ދެކޮޅަށް ކުޅޭ މެޗު ތާވަލްކޮށްފައިވަނީ މި މަހު 21 ވަނަ ދުވަހު ގުދުސްގައި ހުންނަ ޓެޑީ ސްޓޭޑިއަމްގަ އެވެ. މިއީ ކުރިން ފަލަސްތީންގެ މެޗުތަކަށް ބޭނުންކުރަމުން އައި ދަނޑެކެވެ. ބެއިތާރުގެ މެނޭޖްމަންޓުން ވަނީ މީގެ ކުރިން ފަލަސްތީނުގެ މީހުންނަށް އަނިޔާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ޓެޑީ ސްޓޭޑިއަމްގައި ބެނާތަކެއް ދަމައިފަ އެވެ.

ފަލަސްތީންގެ އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެތުލެޓިކޯ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފުޓްބޯޅަ އަކީ ހަމަހަމަކަމަށް ލޯބިކުރާ ކުޅިވަރަކަށްވާއިރު ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ހަމަލާތަކުގެ ބައިވެރިންނާ އެކު ގުޅުން ބަދަހިވާފަދަ ގޮތްތަކަށް އަމަލުނުކުރުމަށް އެދޭ ކަމަށެވެ.

"އަހަރެމެން އެދެނީ އިޒްރޭލާ ދެކޮޅަށް މެޗު ކުޅުން ހުއްޓާލުމަކަށް ނޫން. އެކަމަކު ގުދުސްގައި އަހަރެމެންގެ ސަރަހައްދެއްގައި އެމީހުންނާ ބައިވެރިނުވުމަށް،" އެ ސިޓީގައިވެ އެވެ.

ރަޖޫބް ވިދާޅުވީ ފަލަސްތީނުގައި އެތުލެޓިކޯ އަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކެއް ދިިރިއުޅޭކަމަށާއި އެ ފަދަ ސަޕޯޓަރުންގެ ހައްގުގައި ބެއިތާރު ފަދަ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ޓީމަކާ ދެކޮޅަށް މެޗު ނުކުޅެން އެދޭ ކަމަށެވެ. ބެއިތާރުގެ ސަޕޯޓަރުން ގިނަ މެޗުތަކުގައި މުސްލިމުން މަރަން ގޮވާ އަޑުގަދަކުރާއިރު، އެ ޓީމުގެ މެނޭޖްމަންޓުން މިހާތަނަށް މުސްލިމް ކުޅުންތެރިއަކަށް އެ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ނުދެ އެވެ.

ފަލަސްތީނުގެ އެފްއޭގެ ރައީސް ރަޖޫބް. -- ފޮޓޯ: އޭއެފްޕީ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް މިދިޔަ އަހަރު އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ ގައުމީ ޓީމުން އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ޖެހުނީ ކެންސަލްކުރާށެވެ. މެޗު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފަލަސްތީނުގެ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެ ފަދަ މާހައުލެއްގައި މެޗު ނުކުޅެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ.

އެ ފަހަރު ރަޖޫބް ވަނީ އެ މެޗު ކުޅެފިނަމަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާޒީތައް އަންދާލަން ގޮވާލައިފަ އެވެ. އެކަމަށް ފީފާ އިން ވަނީ ރަޖޫބަށް އެއް އަހަރުގެ ސަސްޕެންޝަނެއް ދީފަ އެވެ. ފަހުން ރަޖޫބް ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ.

ފަލަސްތީނުގެ އެފްއޭ އިން އެތުލެޓިކޯ އަށް ފޮނުވި ސިޓީ އަށް އަދި އެ ކްލަބުން ރަސްމީ ޖަވާބެއް ދީފައިނުވާއިރު، ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރު ގުއިލެމް ބަލަގޫ ބުނީ މިދިޔަ އަހަރު އާޖެންޓީނާ އިން މެޗު ނުކުޅެން ނިންމި ފަދަ ނިންމުމެއް އެތުލެޓިކޯ އިން ވެސް ނިންމުމުގެ ފުރުސަތު ބޮޑު ކަމަށާއި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ މި ކަމުގައި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރާނެ ކަމަށެވެ.