"ޕީއެސްޖީ ދޫކޮށްލަން ނޭމާގެ ރޭވުމެއް އެބައޮތް"

ޕެރިސް (މެއި 11) - މި ސީޒަނަށް ފަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށްލުމަށް ބްރެޒިލްގެ ތަރި ނޭމާގެ ރޭވުމެއް އެބައޮތް ކަމަށް މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޕިނީ ޒަހާވީ ބުނެފި އެވެ.


އޭޖެންޓުންގެ ނުފޫޒު ފުޓްބޯޅަ ތެރެއަށް ވަރުގަދަކުރުމުގައި މުހިއްމު ރޯލެއް ކުޅުނު ޒަހާވީ އަކީ 2003 ވަނަ އަހަރު ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަންނަން މަގުފަހިކޮށްދިން އޭޖެންޓެވެ. އަދި ޒަހާވީ ވަނީ އެލެކްސް ފާގަސަންގެ އެދުމުގެ މަތިން މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ކުޅުންތެރިންތަކެއް ހޯދަން އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި ރިއޯ ފާޑިނަންޑް، ހުއާން ސަބެސްޓިއަން ވެރޯންގެ އިތުރުން ޖަޕް ސްޓާމްޕް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒަހާވީ ބުނީ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓި ހިސާބުން ފެށިގެން ނޭމާ އެ ޓީމު ދޫކޮށްލަން ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށާއި ރެފްރީންނަށް ސޯޝަލް މީޑިއާގައި ފާޑުކިއުމާއި ސަޕޯޓަރެއްގެ ގައިގައި ޖެހުން މިއީ އެ ސިލްސިލާގެ ކަންތައްތަކެއް ކަމަށެވެ.

"އަހަންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާސެލޯނާ ދޫކޮށްލުމުގައި ވެސް ނޭމާ ވަނީ ވަރަށް ބޮޑަށް ޕްރޮފެޝަނަލް އުސޫލާ ހިލާފަށް ކަންތައްތައް ކޮށްފައި. ކޮންޓްރެކްޓްގައި ނެތް ބޯނަހެއް ހޯދަން ވެސް އުޅުނު. ހަަމަ އެ ގޮތަށް ޕީއެސްޖީން ވެސް އޭނާ ދާން ބޭނުންވާތީ އެކަމަށް ރޭވުމެއް އެބައޮތް،" ޒަހާވީ ބުންޏެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ (ކ) އާއި ޒަހާވީ.-- ފޮޓޯ: ރޮއިޓާސް

މިދިޔަ މަހު ޕެނަލްޓީ ޖަހައިގެން ފްރެންޗް ކަޕް ފައިނަލުގައި ރެނެސް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު މެޑަލް އަޅަން ރޮސްޓްރަމް އަށް ނޭމާ ދިޔަ ވަގުތު އެތާ ހުރި ސަޕޯޓަރެއް ބުނި އެއްޗެއްގެ ސަބަބުން ނޭމާ ވަނީ އޭނާ މޫނުމަތީގައި ޖަހައިފަ އެވެ. ފަހުން ނޭމާ އެކަމަށް މައާފަށް އެދުނު ނަމަވެސް އިއްޔެގެ ވަގުތެއްގައި ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނޭމާ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމައިފަ އެވެ. އެ މައްސަލަ ޕީއެސްޖީން ވަނީ އެޕީލްކޮށްފަ އެވެ.

އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތިން މެޗަށް ވެސް ނޭމާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާދި ފަހުން ޔުއެފާ އިން ވެސް ވަނީ ނޭމާ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު ރެފްރީންނަށް އިންސްޓަގްރާމްގައި ފާޑުކިޔާފައިވާތީ އެވެ.

ޒަހާވީ ބުނީ ނޭމާ މިހާރު މަސައްކަތްކުރަމުން އަންނަނީ ޕީއެސްޖީ އާއި އޭނާއާ ދެމެދު ހެދިފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށާއި މިހާރު އޭނާ ބޭނުންވަނީ ކްލަބާ ދެމެދު އޮތް ގުޅުން ކަނޑާލުމަށް ކަމަށެވެ. އަދި އެ އަށް ފަހު އެއްބަސްވުމާ ކްލަބުން ހިލާފުވެފައިވާ ކަމަށް ބުނެ ކްލަބް ދޫކޮށްލަން ނޭމާ ޑިމާންޑްކުރާނެ ކަމަށް ޒަހާވީ ބުންޏެވެ.

ބްރެޒިލްގެ ސަންތޯސް އިން ވިދާލި ނޭމާ 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ 2017 ވަނަ އަހަރު އެ ކްލަބް ދޫކޮށް ޕީއެސްޖީ އަށް ދުނިޔޭގެ ރެކޯޑް އަގަކަށް ބަދަލުވީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވުމަށެވެ. އެކަމަކު މިހާތަނަށް ޔޫރަޕްގައި ޕީއެސްޖީ އަށް ރަނގަޅު ކާމިޔާބެއް ނުލިބޭތީ ނޭމާ ދިގު މުއްދަތަކަށް އެ ޓީމުގައި ހުންނާނެ ކަމާ މެދު ވަނީ ސުވާލުއުފެދިފަ އެވެ. އެކަމަކު ދާދި ފަހުން ވެސް ޕީއެސްޖީން ވަނީ ނޭމާ ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ.

ޒަހާވީގެ ނަޒަރުގައި ޕީއެސްޖީ ދޫކޮށްލުމަށް ފަހު ނޭމާ ބޭނުންވަނީ ބާސެލޯނާ ނޫނީ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ.