ވާދަވެރި ރޭހަށް ފަހު ސިޓީ ލީގު ޗެމްޕިއަންކަން ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ފެނިގެން ދިޔަ، ތަށި ހޯދުމުގެ އެންމެ ވާދަވެރި ރޭހުގެ ފަހު މެޗުގައި މިރޭ ބްރައިޓަން އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން އެއް ޕޮއިންޓުގެ ފަރަގަކާ އެކު ލީގު ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.


ލީގަށް ވާދަކުރަމުން ދިޔަ ލިވަޕޫލުން ވުލްވްސް އަތުން 2-0 އިން މޮޅުވި ނަމަވެސް، ސިޓީ ފަހު މެޗު ކާމިޔާބުކުރުމުން، 29 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދަން ލިވަޕޫލް ކުރި މަސައްކަތް ފެނަށް ދިޔައީ އެވެ. ސިޓީން 98 ޕޮއިންޓް ހަމަކުރިއިރު ލިވަޕޫލަށް އެއްކުރެވުނީ 97 ޕޮއިންޓެވެ. ލީގުގައި ސިޓީން ހަތަރު މެޗުން ބަލިވިއިރު ލިވަޕޫލް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސިޓީ އަތުންނެވެ. ސިޓީ ބަލިވި މެޗުގެ އަދަދު ގިނަ ނަމަވެސް އެ ޓީމު އެއްވަރުވީ އެންމެ ދެ މެޗުގަ އެވެ. ލިވަޕޫލް ހަތް މެޗުގައި އެއް ޕޮއިންޓުން ފުއްދާލަން ޖެހުނެވެ.

އެއް ވަގުތެއްގައި ކުޅެމުން ދިޔަ މެޗުތަކުގެ ތެރެއިން، ސިޓީ އާއި ބްރައިޓަން ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ގްލެން މުރޭގެ ލަނޑުން ބްރައިޓަން ކުރި ހޯދި އެވެ. އޭރު ލިވަޕޫލް އޮތީ ވުލްވްސް ކޮޅަށް ލަނޑެއް ޖަހާފައި ކަމުން އެ ޓީމަށް އުއްމީދެއް ލިބުނެވެ. އެކަމަކު ސިޓީން ވަނީ ޖެހިގެން އައި މިނެޓުގައި ސާޖިއޯ އަގުއޭރޯގެ ލަނޑުން އެއްވަރުކޮށް އަދި ހާފު ނިމުމުގެ ކުރިން އައިމެރިކް ލަޕޯޓޭގެ ލަނޑުން ލީޑު ނަގައިފަ އެވެ. އަދި ދެ ވަނަ ހާފުގައި ރިޔާޒް މާރޭޒާއި އިލްކޭ ގުންޑޮގާން ޖެހި ލަނޑުތަކާ 4-1 އިން ކުރި ހޯދައި ސިޓީން ތަށި ޔަގީންކުރި އެވެ. ވުލްސް ކޮޅަށް ލިވަޕޫލުގެ ދެ ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ.

ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނީ މިއީ މިހާތަނަށް ފެނިގެން ދިޔައި އެންމެ ވާދަވެރި ސީޒަން ކަމަށާއި ލިވަޕޫލް ފެނިގެން ދިޔައީ ވަރަށް ތަފާތު ޓީމެއްގެ ގޮތުގައި ކަމަށެވެ. އެ ޓީމަށް ނާކާމިޔާބީ ހައްގު ނޫން ކަމަށާއި އެކަމަކު ސިޓީން މުޅި ސީޒަނުގައި ކުރި މަސައްކަތް އެހާމެ ވަރުގަދަ ކަމަށް ކޮމްޕެނީ ބުންޏެވެ.

ލިވަޕޫލުން އެއްކުރި 97 ޕޮއިންޓަކީ، ޕްރިމިއާ ލީގުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނައިން ޓީމެއް ހޯދި ޕޮއިންޓުގެ އަދަދެވެ. މާނައަކީ މިއަށް ވުރެ މަދުން ހޯދައިގެން ވެސް އެތައް ޓީމެއް ޗެމްޕިއަންކަން ހޯދާފައިވުމެވެ.

"މީހުން ބުނެފާނެ އަހަރެމެން މިހެން ކަންތައް ކުރެވުނީހޭ އެހެން ކަންތައް ކުރެވުނީހޭ. އެކަމަކު އަހަންނަށް ހިޔެއް ނުވޭ މިއަށް ވުރެ އިތުރަށް ކަމެއް ކުރެވެން އޮތްހެން،" ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ. "ޕްރިމިއާ ލީގުގެ ދެ ވަނަ އަކީ އަހަރެން ބޭނުންވި މަގާމެއް ނޫން. އެކަމަކު މިއީ މި ޓީމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ބަލަން ޖެހޭނީ."

ލީގު ގެއްލުނަސް ލިވަޕޫލަށް މި ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދެން އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ އެއް ވަނަ ދުވަހުގެރޭ އެ ޓީމު ބައްދަލުކުރަނީ ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދި ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.