ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރަނީ: ރިޕޯޓް

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (މެއި 14) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ހިލާފުވެފައިވާތީ އެ ޓީމު ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލައި 10 އަހަރުގެ ތެރޭގައި ލީގު ދިފާއުކުރި ފުރަތަމަ ޓީމުގެ މަގާމު ހޯދި ސިޓީގެ މައްސަލަ މިދިޔަ އަހަރުގެ ފަހު ކޮޅުގައި ޔުއެފާ އިން ވަނީ އަލުން ތަހުގީގުކުރަން ފަށައިފަ އެވެ.

ޔުއެފާ އިން ސިޓީގެ މައްސަލަ އަލުން ބަލަން ފެށީ ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުންނެވެ. އެ ލިއެކިޔުންތަކުގައިވާ ގޮތުން ސިޓީން އަންނަނީ ޔުއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން ތަކުރާރުކޮށް އެފްއެފްޕީ ގަވާއިދާ ހިލާފުވަމުންނެވެ. އެ ޓީމުން ހިލާފުވެފައިވަނީ ކްލަބްގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ހަރަދުކޮށްގެންނެވެ. އެންމެ ބޮޑަށް ސިޓީން ބޭނުންކުރީ އިއްތިހާދު އެއާވޭސްގެ ފައިސާ އެވެ.

ޔުއެފާގެ ފައިނޭންޝިއަލް ކޮންޓްރޯލް ބޯޑާއި މައްސަލަތައް ތަހުގީގުކުރާ ޕެނަލުން ހިންގި ސީރިއަސް އޮޕަރޭޝަންތަކަށް ފަހު އެނގިގެންދިޔައީ ސިޓީން ކްލަބަށް ހަރަދުކުރުމުގައި އެންމެ ބޮޑަށް ބޭނުންކުރަނީ ސްޕޮންސަރުގެ ފައިދާ ފައިސާ ކަމެވެ. މީގެ ދެ ހަފްތާ ކުރިން ސިޓީ މައްސަލައިގައި ސްވިޒަލެންޑުގައި ޔުއެފާ ފައިނޭންޝިއަލް ކޮންޓްރޯލް ބޯޑުން ވަނީ ޔުއެފާގެ ބައެއް ވެރިންނާއި ޑިސިޕްލިނަރީ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

"ތަހުގީގުކުރާ ޕެނަލްގެ ލީޑަރު ބެލްޖިއަމްގެ ކުރީގެ ބޮޑުވަޒީރު ވެސް ލެޓާމޭ ވަރަށް އަވަހަށް މި މައްސަަލައިގައި އެންމެ ފަހުގެ ގޮތެއް ނިންމާނެ. ސިޓީގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަވެފައި އޮތީ. މި ހަފްތާ ތެރޭގައި ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުރިހާ ލިޔެކިއުމެއް ހަވާލުކުރާނެ،" ނިއުޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ތަހުގީގު އިދާރާއިން ނިންމާފައިވަނީ އެއް ސީޒަނަށް ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރުމަށެވެ. އެއީ ކުރިއަށް އޮތް ދެ ސީޒަން ތެރެއިން އެއް އަހަރެވެ.

ޖޫން މަހުގެ ކުރިން ސިޓީ އަށް އަދަބުދޭނެ ކަމަށް ބެލެވޭއިރު، އޭގެ އަށް އަމަލުކުރާނެ ގޮތެއް ނިންމާނީ ސިޓީން މައްސަލައިގައި ޖަވާބުދާރީވާ ގޮތަކުންނެވެ. އެ ގޮތުން ސިޓީން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އިސްތިއުނާފްކޮށްފިނަމަ މައްސަލަ އިތުރަށް ދިގުލައިގެންދާނެ އެވެ.

އެފްއެފްޕީއާ ހިލާފުވެގެން ޔުއެފާ އިން ވަނީ 2014 ވަނަ އަހަރު ވެސް ސިޓީ އަށް އަދަބުދީފަ އެވެ. އެ ފަހަރު ސިޓީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީ އެވެ. އޭގެ އިތުރުން އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރި އެވެ.