މަގާމުގެ ޔަގީންކަމެއް ސާރީއަކަށް ނެތް

ލަންޑަން (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ފުރުސަތު ލިބުނު ނަމަވެސް އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީންކަން ކްލަބްގެ ފަރާތުން ލިބިފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު އިޓަލީގެ މައުރީޒިއޯ ސާރީ ބުނެފި އެވެ.


ޗެލްސީގެ ކޯޗު ކަމުން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ވަކިކޮށް މިދިޔަ އަހަރު ސާރީއާ މަގާމު ހަވާލުކުރުމުން ސީޒަނުގެ ފުރަތަމަ މެޗުތަކުގައި އެ ޓީމުން ނެރުނު ނަތީޖާތަކުން ބެލެވުނީ ޗެލްސީ މި ފަހަރުގެ ލީގަށް ވާދަކުރާނެ ކަމަށެވެ. އެކަމަކު ފަހުން ގާތްގާތުގައި މެޗުތައް ކުޅެން ޖެހި އެކި ސަަބަބުތަކާ ހުރެ ޗެލްސީ ލީގުގެ ރޭހުން ބޭރުވި އެވެ. އަދި އެ ޓީމު ސީޒަން ނިންމާލީ ލީގުގެ ތިން ވަނައިގައި އޮވެ އެވެ.

ސާރީ ބުނީ މި ސީޒަނުގައި އޭނާ އަށް ދިން ޓާގެޓަށް ވާސިލްވެވުނު ކަމަށާއި އެކަމަކު އަންނަ ސީޒަނަށް ތައްޔާރުވުމަށް ކްލަބުން ދައްކާ ވާހަކަތަކުގައި އަދި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

"އަހަރެން ބޭނުމީ މަޑުކުރަން އެކަމަކު އެ ޔަގީންކަމެއް ނެތް. ކްލަބުން އަހަރެން ގާތުގައި އެދުނީ އަލުން ޗެމްޕިއަންސް ލީގަށް ދާން. އެ ޓާގެޓަށް ވާސިލްވެއްޖެ. އެކަމަކު ދެން އަހަރެމެން އަމަލުކުރާނެ ގޮތެއް ވާހަކަދެކެވިފައެއް ނުވޭ،" ލީގުގެ ފަހު މެޗަށް ފަހު ސާރީ ބުންޏެވެ.

ސާރީ ގެންދަން އިޓަލީގެ ރޯމާ އާއި އޭސީ މިލާނުން މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ވިސްނުން ހުރީ ޕްރިމިއާ ލީގުގައި މަޑުކުރުމަށެވެ.

"އިނގިރޭސި ފުޓްބޯޅަ ލީގު އަހަންނަށް ވަރަށް ކަމުދޭ. މިއީ އެންމެ ވަރުގަދަ ލެވެލް ފުޓްބޯޅަ މުބާރާތަކަށް ބަލާއިރު. ސްޓޭޑިއަމްތަކުގައި މެޗުތައް ކުޅޭ މާހައުލު ވެސް ވަރަށް ތަފާތު. އަހަރެން ވަރަށް ބޭނުން މި މާހައުލުގައި އިތުރު ތަޖުރިބާތަކެއް ކުރަން،" ސާރީ ބުންޏެވެ.

ޗެލްސީ އަށް މި ސީޒަނުގައި ބާކީ ދެން އޮތް މެޗަކީ މި މަހުގެ 29 ވަނަ ދުވަހު އަޒަރުބައިޖާނުގެ ބަކޫގައި އާސެނަލާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗެވެ. ޗެލްސީން އެ މުބާރާތް ކާމިޔާބުކޮށްފިނަމަ އަންނަ ސީޒަނުގައި ޗެލްސީން އޭނާ ފެނިދާނެތޯ ސުވާލުކުރުމުން ސާރީ ބުނީ ކްލަބުން ނިންމި ކޮންމެ ނިންމުމަކަށް ވެސް އޭނާ އިހުތިރާމްކުރާނެ ކަމަށެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ޗެލްސީއާ ހަވާލުވުމުގެ ކުރިން ނަޕޯލީގައި ސާރީ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.