ކްރޫސް، ބޭލް އަދި އިސްކޯ ގަންނަން ޕީއެސްޖީން މަސައްކަތްކުރަނީ

ޕެރިސް (މެއި 15) – ރެއާލް މެޑްރިޑުގެ ތިން ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލް އާއި އިސްކޯ އަދި ޓޯނީ ކްރޫސް ގަތުމަށް ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ތިން ކުޅުންތެރިންގެ ގަތުމަށް ހޭދަވާނެ ކަމަށް ބެލެވެނީ 210 މިލިއަން ޔޫރޯ އެވެ. އެއީ ކްރޫސް އަށް 80 މިލިއަން ޔޫރޯ އާއި ބޭލް އަށް 70 މިލިއަން ޔޫރޯ އަދި އިސްކޯ އަށް 60 މިލިއަން ޔޫރޯ އެވެ.

ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް 500 މިލިއަން ޔޫރޯ ހޭދަކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން 200 މިލިއަން ޔޫރޯ އަކީ ކުޅުންތެރިން ވިއްކައިގެން ހޯދާ ފައިސާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ ކުޅުންތެރިން ވިއްކާލަން އެ ޓީމުން ފަސްޖެހޭނެ ކަމަށް ނުބެލެވެ އެވެ.

މީގެ ތެރެއިން ބޭލް އަކީ މެޑްރިޑުން ލޯން އުސޫލުން ނަމަވެސް ބޭނުންވާ ކުޅުންތެރިޔެކެވެ. ރެއާލް މެޑްރިޑުގެ ފުރަތަމަ ވިސްނުމަކީ އޭނާ ވިއްކާލުމެވެ. އޭރުން ޓްރާންސްފާ ފީ އެއް ވެސް ލިބޭނެ އެވެ. އެކަމަކު އެކަށީގެންވާ އަގަކަށް ގަންނާނެ ކްލަބެއް ނެތިއްޔާ ލޯން އުސޫލުން ވެސް ދޫކުރަން ތިބީ ތައްޔާރަށެވެ. އެއީ އޭރުން ވެސް އޭނާގެ މުސާރައިގެ ގޮތުގައި އަހަރަކު ދޭ 17 މިލިއަން ޔޫރޯ ސަލާމަތްކުރެވޭނެތީ އެވެ.

އިސްކޯ އަށް ކުރީގެ ކޯޗު ސަންޓިއާގޯ ސޮލާރީ ފުރުސަތު ނުދިން ނަމަވެސް ޒިދާން އަލުން ހަވާލުވެ ފުރުސަތުދެ އެވެ. އެކަމަކު ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް ގެންނަން ނިންމާފައިވާތީ ކުރިމަގުގައި އިސްކޯ އަށް މާބޮޑު ފުރުސަތެއް ލިބޭނެ ކަމަށް ނުބެލެވެ އެވެ.

މީގެ ތެރެއިން އުމުރުން 29 އަހަރުގެ ކްރޫސް އަކީ މެޑްރިޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެކަމަކު އޭނާ ގަތުމަށް 80 މިލިއަން ޔޫރޯގެ އޮފާއެއް އަތުވެއްޖެ ނަމަ ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ގެންނަން މެޑްރިޑުން ވިސްނާ ނަމަ އެވެ.

މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު ޒިދާން ވަކިވުމުން މި ސީޒަނުގައި ދިިޔައީ ވަރަށް ދަށްކޮށެވެ. އެކަމަކު ސީޒަނުގެ ފަހުކޮޅު އަލުން ޒިދާން ހަވާލުވެ އަންނަ ސީޒަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން އަންނަނީ ޕްލޭންކުރަމުންނެވެ.