އަގުބޮޑު މެޗު: ޓެރީ އާއި ލަމްޕާޑްގެ ކުރިމަތިލުމެއް!

ލަންޑަން (މެއި 16) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް ކުޅޭ ޕްލޭއޮފް ފައިނަލުގައި ޑާބީ ކައުންޓީ އާއި އެސްޓަން ވިލާ ވާދަކުރާ މެޗު އެ ދެ ޓީމުގެ ކޯޗުން ކަމަށްވާ ޗެލްސީގެ ކުރީގެ ދެ ތަރިން، ޖޯން ޓެރީ އާއި ފްރޭންކް ލަމްޕާޑަށް ހާއްސަވާނެ އެވެ. ކޯޗިންގެ ޅަފަތުގައި މުހިއްމު މަސައްކަތެއް ކުރަމުން އަންނަ ލަމްޕާޑަކީ ޑާބީގެ ކޯޗެވެ. ޓެރީ އަކީ އެސްޓަން ވިލާގެ އެސިސްޓަންޓް ކޯޗެވެ.


އަންނަ އަހަރުގެ ޕްރިމިއާ ލީގުން ސީދާ ޖާގައެއް ހޯދާފައިވަނީ ޝެފީލްޑް ޔުނައިޓެޑާއި ނޯވިޗް ސިޓީ އެވެ. ފަހު ޖާގަ ލިބޭނީ މި މަހު 27 ވަނަ ދުވަހު ވެމްބްލީގައި ޑާބީ އާއި އެސްޓަން ވިލާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މިއީ ފުޓްބޯޅައިގައި ކުޅޭ އެންމެ އަގު ބޮޑު މެޗެވެ. މޮޅުވާ ޓީމަކަށް ލިބޭ އާމްދަނީ އުޅެނީ 160 މިލިއަން ޕައުންޑް (205 މިލިއަން ޑޮލަރު) އެވެ.

ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޑާބީ ޕްލޭއޮފް ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެކަމަކު ރޭ ކުޅުނު ދެ ވަނަ ލެގުގައި ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސްގެ މައްޗަށް ވަނީ 4-2 އިން ކުރިހޯދައިފަ އެވެ.

"ވަކި ކަމެއް ހާސިލްކުރަން ކުޅުންތެރިޔެއްގެ ގޮތުގައި އޮންނަ ޕްރެޝަރަށް ވުރެން ބޮޑަށް ކޯޗެއްގެ ގޮތުގައި އޮންނަ ޕްރެޝަރު އެތައް ގުނައެއް ބޮޑު. މިއީ އަހަރެން ވަރަށް ބޮޑަށް ހާސިލްކުރަން ބޭނުންވެފައި ހުރި ކަމެއް. މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް،" 2008 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޑާބީ ޕްރިމިއާ ލީގަށް ގެންދިއުމުގެ އަމާޒުގައި ހުރި ލަމްޕާޑް ރޭގެ މެޗަށް ފަހު ބުންޏެވެ.

ޕްރިމިއާ ލީގުގައި ވެސްޓް ހޭމް، ޗެލްސީ އަދި މެންޗެސްޓާ ސިޓީ އަށް ކުޅުނު ލަމްޕާޑް ޑާބީއާ ހަވާލުވީ މިދިޔަ އަހަރު އެވެ. ޕްލޭއޮފް ފައިނަލުގައި ޓެރީއާ ދެކޮޅަށް ނުކުންނަން ޖެހުމާ ބެހޭގޮތުން ލަމްޕާޑް ބުނީ އެއީ އޭނާ އަށް ވަރަށް ޝައުގުވެރި ކުރިމަތިލުމަކަށްވާނެ ކަމަށެވެ.

ޑާބީގެ މެޗަކަށް ފަހު ލަމްޕާޑް. -- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް ލަމްޕާޑް އެ މަގާމާ ހަވާލުވާނެ ކަމަށް އިނގިރޭސި މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބެއް ދޭން ބޭނުމެއްނުވި އެވެ. މީގެ ކުރިން ލަމްޕާޑް ވަނީ ޗެލްސީއާ ހަވާލުވުމަކީ މި ވަގުތު އޭނާގެ ވިސްނުމެއް ނޫން ކަމަށް ބުނެފަ އެވެ.

ޗެލްސީ ދޫކޮށް 2017 ވަނަ އަހަރު އެސްޓަން ވިލާއާ ގުޅުނު ޓެރީ ވަނީ އެ ޓީމަށް ކުޅެފަ އެވެ. އޭނާ އެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވީ މިިދިޔަ އޮކްޓޫބަރު މަހު ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު އެވެ. އޭނާ ރިޓަޔާ ކުރުމުގެ ކުރިން ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ކުޅުމަށް މެޑިކަލް ހެދި ނަމަވެސް އެ ޓީމަށް ނުކުޅުނީ އާއިލީ ސަބަބުތަކާ ހެދި އެވެ.

ކުރިން ޕްރިމިއާ ލީގުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އެސްޓަން ވިލާ ރެލިގޭޓްވީ މީގެ ތިން އަހަރު ކުރިންނެވެ. މިދިޔަ އަހަރު އެސްޓަން ވިލާ އަށް ޕްރިމިއާ ލީގުގެ ޖާގައެއް ގެއްލުނީ ޕްލޭއޮފް ފައިނަލުގައި ފުލަމް އަތުން ބަލިވުމުންނެވެ. މިިދިޔަ އަހަރު ޕްލޭއޮފް ފައިނަލުގައި ކުޅުނު ޓެރީގެ އަމާޒަކީ މި އަހަރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ އެސްޓަން ވިލާ އަލުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމެވެ.

ޕްލޭއޮފް ފައިނަލުން އެސްޓަން ވިލާ ޖާގަ ހޯދީ ވެސްޓް ބްރޮމް އަތުން މޮޅުވުމަށް ފަހު އެވެ. ވެސްޓް ބްރޮމްގެ މައްޗަށް އެސްޓަން ވިލާ އިން ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

ޓެރީ އާއި ލަމްޕާޑަކީ ޗެލްސީގެ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުން މިދިޔަ 15 އަހަރު ތެރޭ ހޯދި ހުރިހާ ބޮޑެތި ކާމިޔާބީތަކުގައި އެ ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ.