ގާޑިއޯލާ އަލުން ބާސެލޯނާއާ ގުޅޭނެ: ރިވާލްޑޯ

މެޑްރިޑް (މެއި 16) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަލުން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާއާ ގުޅޭނެ ކަމަށް އޭނާއާ އެކު އެ ޓީމަށް ކުޅުނު ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.


ބާސެލޯނާ އަށް 1997 އިން 2002 އަށް ކުޅުނު ރިވާލްޑޯ ބުނީ ބާސެލޯނާ މިހާރު އޮތް ހާލަތަށް ބަލާއިރު ގާޑިއޯލާ އެނބުރި އެ ޓީމަށް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ޕެޕް (ގާޑިއޯލާ) އެންމެ ހިތްހަމަޖެހޭ ގޮތެއް ނޫން އޭނަގެ އާއިލާ އާއި ގާތް މީހުންނާ ދުރުގައި މަސައްކަތްކުރުމަކީ. އޭނާގެ ގާތް އެކުވެރިން މަތިން އަބަދުވެސް އޭނާ ހަނދާންވާނެ. ރަނގަޅު ޕްރޮޕޯސަލެއް ބާސެލޯނާ އިން ހުށަހަޅައިފިނަމަ ޕެޕް އަލުން އަންނާނެ. އަހަންނަށް ޔަގީން،" ރިވާލްޑޯ ބުންޏެވެ.

ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ބާސެލޯނާ ބީ ޓީމުންނެވެ. އޭގެ އެއް އަހަރު ފަހުން ގާޑިއޯލާއާ ވަނީ ބާސެލޯނާ ސީނިއާ ޓީމު ހަވާލުކޮށްފަ އެވެ. ގާޑިއޯލާގެ ކޯޗުކަމުގައި 2008 އިން 2012 ވަނަ އަހަރާ ދެމެދު ބާސެލޯނާ އިން ވަނީ ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކޮށް 14 ތަށި ހޯދައިފަ އެވެ.

ރިވާލްޑޯ ބުނީ ބާސެލޯނާ ދޫކޮށްލާނެކަން ގާޑިއޯލާ ހާމަކުރީ ވަރަށް ހިތްނުތަނަވަސްވެ ހުރެ ކަމަށާއި އޭގެ ކްލަބްގެ މައްސަލަތަކެއް އޭނާ އަށް ފާހަގަކުރެވުނު ކަމަށެވެ.

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު ގާޑިއޯލާ (މ) އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަންނަށް އެނގުނު ގޮތުގައި ޕެޕް ބޭނުންވި ދުރު ރާސްތާ ޕްލޭން އޭރު ކްލަބްގައި ތިބި މީހުންނަށް ކަމުނުދިޔައީ. އެއީ އޭނާ ޓީމު ދޫކޮށްލަން ބޭނުންވި އެއް ސަބަބު،" ގާޑިއޯލާއާ އެކު ބާސެލޯނާގައި ކާމިޔާބީތަކެއް ހޯދި ރިވާލްޑޯ ބުންޏެވެ.

ބާސެލޯނާ ދޫކޮށް ބަޔާން މިއުނިކާ ހަވާލުވެ، ގާޑިއޯލާ ވަނީ އެ ޓީމާ އެކު ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ސިޓީގައި މިދިޔަ ދެ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ހެދުމަށް ފަހު ލީގު ކާމިޔާބު ކުރި އެވެ. އެކަމަކު ބާސެލޯނާ ދޫކޮށްދިޔަ ފަހުން ގާޑިއޯލާ އަށް ޔޫރަޕްގައި ތަށްޓެއް ކާމިޔާބު ނުކުރެވެ އެވެ.

މިދިޔަ ހަތަރު ވަރަކަށް އަހަރު ބާސެލޯނާ އަށް ވެސް ޔޫރަޕްގައި ނާކާމިޔާބެވެ. ޔުއެފާ އިން މިހާރު ބަލަމުން އަންނަ މައްސަލައިގައި ސިޓީ އެއް ސީޒަނަށް ޗެމްޕިއަންސް ލީގުން ސަސްޕެންޑްކޮށްފިނަމަ ގާޑިއޯލާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިވާލްޑޯ ގަބޫލުކުރެ އެވެ.

"ބާސެލޯނާ އިން އަލުން ގާޑިއޯލާ އަށް މަރުހަބާ ކިޔާނެ ކަމަށް ވަނީ ބުނެފައި. އަހަރެންގެ ނަޒަރުގައި ވަރަަށް އަވަހަށް ވެސް ގާޑިއޯލާ ބާސެލޯނާ އަށް އައިސްދާނެ. އެއީ ގާޑިއޯލާ އާއި ބާސެލޯނާގެ ވެސް މި ވަގުތުގެ ބޮޑު ފޯކަސް އަކީ ޗެމްޕިއަންސް ލީގު،" ރިވާލްޑޯ ބުންޏެވެ.

އޭނާ ވަނީ ބާސެލޯނާގެ މިހާރުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭއާ އެކު އެ ޓީމަށް ކުރިއެރުމެއް ނެތް ކަމަށް ބުނެފަ އެވެ.