ލާޒިއޯ އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

ރޯމް (މެއި 16) – އެޓަލާންޓާ 2-0 އިން ބަލިކޮށް އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ލާޒިއޯ އިން ހަތް ވަނަ ފަހަރަށް ހޯދައިިފި އެވެ.


ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުން ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހުކޮޅެވެ. އެގޮތުން 82 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ސާޖިއޯ މިލިންކޮވިޗް ސަވިޗް ޖެހިއިރު ދެ ވަނަ ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކާލޯސް ކޮރޭއާ އެވެ.

އެޓަލާންޓާ އިން 1963 ގެ ފަހުން ތަށްޓެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކޯޗު ޖިއަން ޕިއޭރޯ ގަސްޕޭރީނީ ހިތްހަމަނުޖެހުނީ ރެފްރީއާ މެދު އެވެ. އެގޮތުން އެ ޓީމުގެ މާޓެން ޑެ ރޫން ފޮނުވާލި ޝޮޓެއް ލާޒިއޯގެ ބަސްޓޮސްގެ އަތުގައި ޖެހުމުން، އެކަމާ ސުވާލު އުފެއްދުމުން ރެފްރީ ވީއޭއާރްގެ އެހީ ހޯދާފައެއް ނުވެ އެވެ.

"އެއީ ރަތްކާޑެއް ދައްކައި ޕެނަލްޓީއެއް ދޭން ޖެހޭ ހާލަތެއް،" ގަސްޕެރީނީ ބުންޏެވެ. "އެ ބޯޅަ ދިޔައީ ގޯލަށް ވަންނަން އެކަމަކު އަތުގައި ޖެހިފައި މިސްރާބު ބަދަލުވީ. އެއީ ވީއޭއާރް އިން ބަލަން ޖެހޭ ހާލަތެއް."

އޭނާ ބުނީ އެ ގޯލާ އެކު ވެސް އެޓަލާންޓާ މޮޅުނުވެދާނެ ކަމަށާއި އެކަމަކު ވީއޭއާރް އިން އެކަން ނުބެލުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އޭގެން އަންގައިދެނީ އެޓަލާންޓާގެ ސަޕޯޓަރުންނަށް އެއްވެސް އިހުތިރާމެއް ނެތްކަން ކަމަށެެވެ.

އިޓާލިއަން ލީގުގެ އަށް ވަނައިގައި، ޔޫރަޕް ޒޯނުން ބޭރުގައި އޮތް ލާޒިއޯ އަށް މި ތަށްޓާ އެކު އަންނަ ސީޒަނުގެ ޔުރޮޕާ ލީގުން ޖާގަ ލިބޭނެ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އިން މަސައްކަތްކުރަނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށެވެ. ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިިންޓް ހޯދައިފި ނަމަ އެ ފުރުސަތު ލިބޭނެ އެވެ. ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ފުރުސަތު އޮތީ ބާކީ ދެ މެޗުން މޮޅުވެ އަދި އެޓަލާންޓާ މަދުވެގެން އެއް މެޗުން ބަލިވެގެންނެވެ.