މެސީ އަށް ކެޓަލޯނިއާގެ ޝަރަފްވެރި އެވޯޑެއް

ބާސެލޯނާ (މެއި 17) - ސްޕެއިނުން ވަކިވެ ވަކި ގައުމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާގެ ޝަރަފްވެރި އެވޯޑެއް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ދީފި އެވެ.


ކެޓަލޯނިއާ އަށް ބައިނަލްއަގްވާމީ މައިދާނުގައި ރީތި ނަން ހޯދައިދީ އެ ސަރަހައްދުގެ އަގުއުފުލޭފަދަ ބޮޑެތި ކާމިޔާބީ އެކި ރޮނގުރޮނގުން ހާސިލްކުރުމުގެ އިތުރުން ދިގު މުއްދަތަށް ކެޓަލޯނިއާ އަށް ގިނަ ހިދުމަތްތައް ކޮށްދޭ ފަރާތްތަކަށްދޭ ޝަރަފްވެރި އެވޯޑް މެސީއާ ހަވާލުކުރެއްވީ ކެޓަލޯނިއާގެ ރައީސް ކުއީމް ޓޯރާ އެވެ.

މެސީ އަކީ މި އެވޯޑް ހާސިލްކުރި 28 މީހުންގެ ތެރޭގައި ހިމެނޭ ތިން ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މެސީގެ އިތުރުން މި އެވޯޑް ދެން ލިބުނީ 1996 ވަނަ އަހަރު ހާސިލްކުރި ސްޕެއިނުގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ހުއާން އެންޓޯނިއޯ ސަން އެސްޕިފާނޯ (އެޕީ) އާއި ބާސެލޯނާ އަދި ނެދަލެންޑްސްގެ ލެޖެންޑް ޔޯހަން ކްރައިފް އެވެ. ކްރައިފް މި އެވޯޑް ހާސިލްކުރީ 2006 ވަަނަ އަހަރެވެ.

މި އެވޯޑް މެސީ އަށް ދިނުމުގައި ބެލީ ޒުވާން އުމުރުގައި ބާސެލޯނާ އަށް ބަދަލުވެ، އެ ކްލަބަށް ހޯދައިދިން ކާމިޔާބީގެ އިތުރުން އެ ކްލަބްގައި ހުރެ ގިނަ ބަޔެއްގެ ނަޒަރުގައި ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިއާގެ ފެންވަރުގެ ކުޅުމެއް ދައްކާފައިވާތީ އެވެ. އަދި ގިނަ ބަޔެއްގެ ނަޒަރުގައި ބާސެލޯނާގެ އަގުއުފުލައިދިނުމުގެ އިތުރުން އެ ކްލަބްގައި ހުރެ ފުޓްބޯޅައިގައި މިސާލެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާތީ އެވެ.

ހަފްލާގައި ވާހަކަ ދައްކަމުން މެސީ ބުނީ މިއީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކުރި ވަރުގެ އެވޯޑެއް ނޫން ކަމަށާއި މި ފަދަ ހާއްސަ ޝަރަފެއް އޭނާ އަށް ދިނީތީ ކެޓަލޯނިއާ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

މިހާތަނަށް މެސީ ވަނީ ބާސެލޯނާއާ އެކު 34 ތަށި އުފުލާލައިފަ އެވެ. އެ ޓީމަށް 600 ގޯލު ކާމިޔާބު ކޮށްދިންއިރު، މެސީ އަކީ ޒަވީ ހެނާންޑޭޒަށް ފަހު ބާސެލޯނާ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ކެޓަލޯނިއާގެ ޝަރަފްވެރި އެވޯޑް ބާސެލޯނާ އިން ހާސިލްކުރީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން ބާސެލޯނާގެ ރައީސްކަން ކުރެއްވި ތިން ފަރާތަކަށް މި އެވޯޑް ލިބުނެވެ. އެއީ 2004 ވަނަ އަހަރު އޮގަސްޓިން މޮންޓާލް އާއި 2014 ވަނަ އަހަރު ހާސިލްކުރި ރޭމަން ކަރަސްކޯ އެވެ.

މި ސީޒަނުގައި ބާސެލޯނާ އިން ކަނޑައެޅި ބޮޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ މަގާމުން ދުރުކުރާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ބާސެލޯނާގެ ކޯޗު ޖޯސެފް ބާޓޮމެއު ވިދާޅުވީ ވަލްވޭޑޭ އަށް ފުރިހަމަ ސަޕޯޓް އެބައޮތް ކަމަށާއި އޭނާއާ އެކު ކުރިއަށް ދިއުމަށް ބާސެލޯނާގެ ޕްލޭނެއް އެބައޮތް ކަމަށެވެ.