11 އޮޕަރޭޝަން، އެކަމަކު ހިތްވަރު ގަދަ ކަޒޯލާ އެނބުރި ގައުމީ ޓީމަށް!

މެޑްރިޑް (މެއި 18) - ހުނަރުވެރި މިޑްފީލްޑަރު ސަންޓި ކަޒޯލާ އަށް މިދިޔަ ތިން އަހަރު އަނިޔާގެ ސަބަބުން ގިނަ ހުރަސްތަކެއް ކުރިމަތިވި އެވެ. އެކަމަކު އެގާރަ އޮޕަރޭޝަނަށް ފަހު ނަފްސާނީ އެތަކެއް ބިރުވެރިކަމަކުން ވެސް އަރައިގަނެ، ކުޅުމަށް އެނބުރި އައިތާ އަހަރެއްހާ ދުވަސްތެރޭގައި ކަޒޯލާ މި ވަނީ ސްޕެއިން ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.


އާސެނަލަށް 2013 ވަނަ އަހަރު ކުޅެމުން އަންނަނިކޮށް ގާތްގާތުގައި ދިމާވާން ފެށި އަނިޔާގެ ގިނަ މައްސަލަތަކެއްގެ ސަބަބުން ކަޒޯލާ ވަނީ ފައިތިލަ އާއި ކަކޫ އަދި ކުޑަހުޅުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. އެއް އޮޕަރޭޝަަނަށް ފަހު ކަޒޯލާގެ ފައިގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ފައި ބުރިކޮށްލަން ޖެހިދާނެ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. އަދި ފަހުން އޭނާ އަށް ހިނގޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަަމަށް ވެސް ބުންޏެވެ.

އެކަމަކު އެ ހުރިހާ ކަމަކުން އަރައިގަނެ ކަޒޯލާ ނިންމީ އޭނާ ފުޓްބޯޅައިން ރިޓަޔާނުކޮށް ކުރިއަށްދާށެވެ. އެ ގޮތުން އާސެނަލް ދޫކޮށް މިދިޔަ އަހަރު އޭނާގެ ކުރީގެ ކްލަބް ވިޔަރެއާލް އަށް ބަދަލުވި އެވެ. އުމުރުން 34 އަހަރުގެ ކަޒޯލާ ވަނީ މި ސީޒަނުގައި ވިޔަރެއާލް ސްޕެނިޝް ލީގުން ރެލިގޭޓްވުމުގެ ބިރުން ސަލާމަތްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެ ގޮތުން އޭނާ ވަނީ ވިޔަރެއާލް މި ފަހަރު ލީގުގައި ކުޅުނު 37 މެޗުގެ ތެރެއިން 34 މެޗުގައި ކުޅެ، ހަތަރު ގޯލު ޖަހައިދިނުމުގެ އިތުރުން 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އަންނަ މަހު އޮތް ޔޫރޯ ކޮލިފައިންގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ކަޒޯލާ އަށް ފުރުސަތު ދިންއިރު، އޭނާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ މީގެ ހަތަރު އަހަރުކުރިން 2015 ވަނަ އަހަރު އިންގްލެންޑާ ދެކޮޅަށެވެ. އެ އަހަރު ނޮވެމްބަރު މަހު އިންގްލެންޑް އަތުން 2-0 އިން ސްޕެއިިން މޮޅުވި މެޗުގައި ކަޒޯލާ ވަނީ ގޯލު ވެސް ޖަހައިފަ އެވެ.

ސްޕެއިން ގައުމީ ޓީމުން ޒުވާން އުމުރުގައި ފުރުސަތު ހޯދި ކަޒޯލާ އަކީ 2008 އާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ހާއްސަކޮށް ލުއިސް އަރަގޯނެސްގެ ކޯޗުކަމުގައި ސްޕެއިނުން 2008 ވަނަ އަހަރުގެ ޔޫރޯ ތަށި އުފުލާލިއިރު، ކަޒޯލާ އަކީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއެކެވެ.