ބާސާ އެއްވަރުވިއިރު، ރެއާލް ފަހު މެޗުން ވެސް ބަލި

މެޑްރިޑް (މެއި 20) - ސްޕެނިޝް ލީގުގެ ފަހު މެޗުތަކުން ޗެމްޕިއަން ބާސެލޯނާ ރޭ އެއިބާއާ 2-2 އިން އެއްވަަރުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ރެއާލް މެޑްރިޑް ފަހު މެޗުން ރެއާލް ބެޓިސް އަތުން 2-0 އިން ބަލިވެއްޖެ އެވެ.


ބާސެލޯނާ ސީޒަން ނިންމާލީ 87 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 76 ޕޮއިންޓް ލިބުނުއިރު، ރެއާލް ސީޒަން ނިންމާލީ 68 ޕޮއިންޓާ އެކު އެވެ. އެއީ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އަށް ވުރެން 19 ޕޮއިންޓް މަދުން ހޯދައިގެންނެވެ.

ލީގުގެ 12 ވަނައިގައި އޮވެ ސީޒަން ނިންމާލި އެއިބާ އިން ވަނީ އިއްޔެގެ މެޗުގައި ފުރަތަމަ ލީޑުނަގައިފަ އެވެ. ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ މާކް ކުކުރޭލާ މެޗުގެ 20 ވަނަ މިނިޓްގައި އެއިބާ އަށް ލީޑުނަގައިދިންއިރު، ގާތްގާތުގައި ދެ ގޯލު ޖަހައި މެސީ ވަނީ ބާސެލޯނާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މެސީ ގޯލުތައް ޖެހީ މެޗުގެ 31 އާއި 32 ދެ ވަނަ މިނިޓްގަ އެވެ.

އެއިބާ އަށް ފުރަތަަމަ ހާފްގެ ފަހު މިނިޓްގައި ނަތީޖާ ހަަމަހަމަކޮށްދިނީ ޕަބްލޯ ޑި ބްލަސީސް އެވެ.

މި ފަހަރުގެ ސީޒަނުގެ ރަން ބޫޓު "ޕިޗީޗީ އެވޯޑް" ހާސިލްކުރީ 36 ގޯލު ޖަހައިގެން މެސީ އެވެ. މިއީ މެސީ މި އެވޯޑް ހާސިލްކުރި ހަ ވަަނަ ފަހަރެވެ. ޔޫރަޕްގެ ރަން ބޫޓަށް ވެސް ވާދަކުރަމުން އަންނަ މެސީ ވަނީ ރޭގެ ގޯލުތަކާ އެކު މި ސީޒަނުގައި ވެސް 50 ލަނޑު ހަމަކޮށްފަ އެވެ.

ސީޒަނުގައި ބާސެލޯނާ އަށް ބާކީ އޮތީ އަންނަ ހަފްތާގައި ކުޅޭ ކޮޕަ ޑެލް ރޭ ފައިނަލެވެ. ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއާ ގުޅިގެން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް އޭނާ އަށް އިތުބާރު އެބައޮތް ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ބެޓިސްގެ ގޯލުތައް ޖެހީ ދެ ވަނަ ހާފްގައި ލޮރޯން މޮރޯން އާއި ޖެސޭ ރޮޑްރިގޭޒެވެ. މި ސީޒަނުގައި ބެޓިސް އިން ވަނީ ބާސެލޯނާ ދަނޑުގައި ވެސް މޮޅުވެފަ އެވެ.

މޮޅަކާ އެކު ސީޒަން ނިންމާލުމުގެ އަޒުމުގައި ރޭގެ މެޗަށް ނުކުތް ރެއާލް ބަލިވިއިރު، މި ފަހަރުގެ ލީގުގައި އެ ޓީމުގެ ނަތީޖާ އަކީ މިދިޔަ 18 އަހަރު ތެރޭގައި އެންމެ ދަށް ނަތީޖާ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިހާރު އޮތް ހަމައެކަނި ހިތްހަމަ ޖެހުމަކީ އަންނަ ސީޒަނަށް ތައްޔާރުވާން ލިބިފައި އޮތް ވަގުތުކަމަށާއި މި ސީޒަނަކީ ރެއާލަށް ހުރިހާ ގޮތަކުން ވެސް ދަށް އަހަރެއް ކަމަށެވެ. އަދި މީގެއިން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ރަނގަޅު ނުކޮށްފިނަމަ އެ ޓީމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުންޏެވެ.

ރޭގެ މެޗުގައި ވެސް ޒިދާން ވަނީ އެ ޓީމަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް އަށް ފުރުސަތު ދޭން ދެކޮޅު ހަދައިފަ އެވެ. މެޗަށް ފަހު ޒިދާން ބުނީ ރެއާލްގެ ސިސްޓަމަށް ބޭލް ފިޓްނުވާކަމަށާއި އިއްޔެގެ މެޗުގައި ހަތަރު ވަނަ ބަދަލެއް ކުރަން ލިބުނު ނަމަވެސް ބޭލް ކުޅެން ނާރުވާނެ ކަމަށެވެ.