ފަލަސްތީނުގެ އެދުމާ ހިލާފަށް އެތުލެޓިކޯ މެޗު ކުޅެފި

ގުދުސް، ފަލަސްތީން (މެއި 22) - ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުގެ ދެކޮޅު ހެދުންތަކާ އެކު ވެސް، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން އިޒްރޭލުގެ ބެއިތާރު ފުޓްބޯލް ކްލަބާ ދެކޮޅަށް ރޭ ގުދުސްގައި މެޗު ކުޅެފި އެވެ.


މީގެ ދެ ހަފްތާ ކުރިން ފަލަސްތީންގެ އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެތުލެޓިކޯ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފުޓްބޯޅަ އަކީ ހަމަހަމަކަމަށް ލޯބިކުރާ ކުޅިވަރަކަށްވާއިރު ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ހަމަލާތަކުގެ ބައިވެރިންނާ އެކު ގުޅުން ބަދަހިވާފަދަ ގޮތްތަކަށް އަމަލުނުކުރުމަށް އެދޭ ކަމަށެވެ. އަދި ހަމަހަމަކަމަށް އެތުލެޓިކޯގެ ސަޕޯޓް އޮތްކަން ދައްކައިދިނުމުގެ ގޮތުން މި މެޗު ނުކުޅުމަށް އެދިވަޑައިގަތެވެ.

ފަލަސްތީނުގެ މެޗުތަކަށް މީގެ ކުރިން ބޭނުންކުރަމުން އައި ގުދުސްގައި ހުންނަ ޓެޑީ ސްޓޭޑިއަމްގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުން ވަނީ ބެއިތާރު އަތުން 2-1 އިން ބަލިވެފަ އެވެ. ބެއިތާރުގެ ދެ ގޯލު ޖެހީ ވެސް މާއޯ ބުޒާގްލޯ އެވެ. ލިވަޕޫލާއި އާސެނަލް އަދި ޗެލްސީ އަށް މީގެކުރިން ކުޅުނު އިޒްރޭލުގެ މިޑްފީލްޑަރު ޔޮސީ ބެނަޔޫން ވަނީ ރޭ ބެއިތާރަށް ކުޅެފަ އެވެ. އެތުލެޓިކޯ އަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ.

ރޭގެ މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މެޗު ކުޅެން އެތުލެޓިކޯ އިން ނިންމީ ވަކި ބަޔަކާ ދެކޮޅުކަން ދެއްކުމަށް ނޫން ކަމަށާއި މިއީ ފުޓްބޯޅައިގެ ނިންމުމެއް ކަމަށެވެ.

"އަހަރެމެން ވަކި ކަމަކަށް ސަޕޯޓެއް ނުކުރަން. މިއީ ވަކި ބަޔަކާ ދެކޮޅަށް ކުރި ކަމެއް ނޫން. މިއީ އަހަރެމެން ރާވާފައި އޮތް މެޗަކަށް ވާތީ ކުޅުނީ،" ސިިމިއޯނީ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން އިޒްރޭލުގެ ކުޑަކުއްޖަކު އެތުލެޓިކޯގެ ގްރީޒްމަންއާ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗު ނުކުޅެން އެދި ފަލަސްތީން ފުޓްބޯލް ފެޑެރޭޝަނުން އެތުލެޓިކޯ އާއި ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުވި ސިޓީ އަށް އެ ކްލަބުންނާއި ސްޕެއިންގެ ފެޑެރޭޝަނުން ޖަވާބުދީފައިނުވެ އެވެ. ފަލަސްތީނުން ބެއިތާރާ ދެކޮޅަށް މި މެޗު ނުކުޅެން އެދުނު އެންމެ ބޮޑު ސަބަބުތަކަކީ ބެއިތާރުގެ ސަޕޯޓަރުން ގިނަ މެޗުތަކުގައި މުސްލިމުން މަރަން ގޮވާ އަޑުގަދަކުރާއިރު، އެ ޓީމުގެ މެނޭޖްމަންޓުން މިހާތަނަށް މުސްލިމް ކުޅުންތެރިއަކަށް އެ ޓީމަށް ކުޅުމުގެ ފުރުސަތު ދީފައިނުވުމުން އެ ޓީމުން ޕްރޮމޯޓްކުރާ އެެޖެންޑާ ސާފުކޮށް އެނގޭތީ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް މިދިޔަ އަހަރު އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ ގައުމީ ޓީމުން އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ޖެހުނީ ކެންސަލްކުރާށެވެ. މެޗު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފަލަސްތީނުގެ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެ ފަދަ މާހައުލެއްގައި މެޗު ނުކުޅެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ.

އެ ފަހަރު ރަޖޫބް ވަނީ އެ މެޗު ކުޅެފިނަމަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާޒީތައް އަންދާލަން ގޮވާލައިފަ އެވެ. އެކަމަށް ފީފާ އިން ވަނީ ރަޖޫބަށް އެއް އަހަރުގެ ސަސްޕެންޝަނެއް ދީފަ އެވެ. ފަހުން ރަޖޫބް ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ.