ފައިނަލުގެ ދަށް ރެކޯޑަކީ ކްލޮޕަށް ޕްރެޝަރެއް: މޮރީނިއޯ

ލަންޑަން (މެއި 24) - އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނައިރު، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީ ފައިނަލްތަކުގައި އޭނާގެ ރެކޯޑް ދަށްވުން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި މައިންޒަށް ކޯޗުކޮށްދިން ކްލޮޕްގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ނުކުތް ހަތް ފައިނަލުގެ ތެރެއިން މޮޅުވެވުނީ އެންމެ ފައިނަލަކުންނެވެ. ލިވަޕޫލާ 2015 ވަނަ އަހަރު ހަވާލުވި ފަހުން ކްލޮޕް ވަނީ ލީގު ކަޕް ފައިނަލާއި ޔޫރޮޕާ ލީގުގެ ފައިނަލް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ.

ކްލޮޕް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނީ ޑޯޓްމަންޑް ގޮވައިގެން 2013 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ ވާދަވެރި ބަޔާން މިއުނިކް އަތުން 2-1 އިންނެވެ. އަދި މިދިޔަ އަހަރު ލިވަޕޫލް ބަލިވީ ރެއާލް މެޑްރިޑާ ވާދަކޮށް 3-1 އިންނެވެ.

ސްކައިސްޕޯޓްސްގެ ޝޯއެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ފައިނަލުގެ މުހިއްމުކަން ކްލޮޕަށް ހާއްސަވާ ސަބަބަކީ އޭނާގެ ކެރިއަރުގެ އަނެއް ލެވެލަށް ދިއުމަށް ކަމަށެވެ.

"ޔާގަން (ކްލޮޕް) ފައިނަލް ކާމިޔާބު ކޮށްފިނަމަ އެއީ އޭނާގެ ކެރިއަރަށް ވެސް ލިބޭނެ އާދަޔާހިލާފު ކުރިއެރުމެއް. އެކަމަކު ޓޮޓެންހަމް މޮޅުވެއްޖެނަމަ ކްލޮޕް ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުން ބަލިވީ. އެއީ ވަރަށް އުނދަގޫވާނެ ހާލަތެއް،" ޕޯޓޯ އާއި އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މޮރީނިއޯ ބުންޏެވެ.

"ކްލޮޕަ އޮތް ޕްރެޝަރަކީ އޭނާގެ ފައިނަލުގެ ރެކޯޑް ދަށްވުން. އެކަމަކު އޭނާ އަކީ ޕްރެޝަރަށް ވުރެ މެޗުގެ ޖޯޝުގައި ހުންނަ ކޯޗެއް. އޭނާގެ ޓީމުތަކުގެ ތަފާތަކީ ކުޅުންތެރިން ކުޅޭނީ އޭނާގެ ރޫހުގައި ކަމަށް ވުން."

ޔޫރަޕްގެ މުބާރާތްތަކުގައި ލިވަޕޫލްގެ ރެކޯޑް ރަނގަޅުވުމުގެ ފަހަތުގައި އެ ކްލަބްގެ ސަޕޯޓަރުންގެ ރޯލު ވަރަށް ބޮޑު ކަމަށާއި އެކަން މި ފަހަރުގެ ޗެމްޕިއަންސް ލީގުން ވެސް ފެނިގެންދިޔަ ކަމަށް މޮރީނިއޯ ބުންޏެވެ. ބާސެލޯނާ އަތުން ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ހޯދި މޮޅުގެ ބޮޑު ކްރެޑިޓެއް ލިވަޕޫލްގެ ސަޕޯޓަރުންނަށް ހައްގުވާ ކަމަށް މޮރީނިއޯ ދެކެ އެވެ.

"އެންފީލްޑްގައި ނަތީޖާ ނެރެން އުނދަގޫވާނެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މެސީ ހުރި ޓީމަށް އޮތް ޕްރެޝަރު ފެނުނު،" މޮރީނިއޯ ބުންޏެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ފައިނަލަށް ނުކުންނައިރު އޭނާ އަށް މުހިއްމީ އަމިއްލަ ރެކޯޑަކަށް ބެލުމަށް ވުރެ ލިވަޕޫލަށް އިތުރު ކާމިޔާބެއް ހޯދައިދިނުން ކަމަށެވެ.