ސާނޭ ހޯދުމުގެ މަސައްކަތް ބަޔާނުން ވަރުގަދަކުރަނީ

މިއުނިކް (މެއި 24) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރި ވިންގް ލެރޯއި ސާނޭ ހޯދަން ކުރަމުން އަންނަ މަސައްކަތް ބަޔާން މިއުނިކުން ވަރުގަދަކޮށްފައިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


ސިޓީ އަށް 2016 ވަނަ އަހަރު 55 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވުމުގެ ކުރިން ސާނޭ ވަނީ ބަޔާންއާ ވާހަކަ ދައްކައިފަ އެވެ. އޭރު ސާނޭގެ ވިސްނުން ހުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ.

ޖަރުމަނުގެ ގަދަބާރު ބަޔާނުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު ދެ މަގާމަކަށް ތަފާތު ކުޅުންތެރިން ހޯދަން ޖެހެ އެވެ. އެއީ ގިނަ އަހަރުތަކަކަށް ފަހު ބަޔާން ދޫކޮށްލި ދެ ވިންގް ފްރޭންކް ރިބެރީ އާއި އާރްޔެން ރޮބެންގެ މަގާމަށެވެ. ބަޔާނުގެ ރައީސް އުލީ ހޮއެނެސް ވިދާޅުވީ ސާނޭ އަކީ އެ މަގާމަށް ހޯދަން މަސައްކަތްކުރާ އެއް ކުޅުންތެރިޔާ ކަމަށެވެ.

"އަހަރެމެން ސާނޭ ގެންނަން މަސައްކަތް އެބަކުރަން. ފުރަތަމަ މަރުހަލާ ނިމިއްޖެ. ދެން އޮތީ އެ މަސައްކަތް އިތުރަށް ވަރުގަދަކުރުން،" ހޮއެނެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ގާޑިއޯލާގެ ވިސްނުން ހުރީ ސިޓީގައި ސާނޭ ބަހައްޓާށެވެ. އެކަމަކު ސާނޭ ކްލަބް ބަދަލުކުރަން ބޭނުންވެ އެވެ. އެއީ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ޖަރުމަނު ގައުމީ ޓީމަށް އަރަން އުނދަގޫތަކެއް ހުރުމުންނެވެ. ސިޓީން މިދިޔަ ސީޒަނުގެ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ސާނޭ ފުރަތަމަ އެގާރައިގައި ކުޅުނީ އެންމެ ތިން މެޗުގަ އެވެ.

އަންނަ ސިޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބަޔާނުން ވަނީ ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ފުލްބެކުންގެ ސޮއި ހޯދައިފަ އެވެ. އެއީ ސްޓުޓްގާޓަށް ކުޅެމުން އައި ބެންޖަމިން ޕަވާޑާއި އެތުލެޓިކޯ މެޑްރިޑްގެ ލޫކަސް ހެނާންޑޭޒް އެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ލެސްޓާ ސިޓީން އަންނަނީ ރޮބެންގެ ސޮއި ހޯދުމަށް މަޝްވަރާކުރަމުންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ޔުވެންޓަސް އިން އަންނަނީ ޕީއެސްޖީގެ ޑިފެންޑަރު މާކުއީނިއޯސް އަށް ފާރަލަމުންނެވެ.